ވިލިމާލޭގައި ތަރައްގީކުރި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.
ވިލިމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަކީ ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމަށް އުފައްދާފައިވާ މައި މަރުކަޒެވެ.
ޖަޕާނު ސަރުކާރުގެ ފަންޑުގެ އެހީގައި ތަރައްގީކުރި މި އިމާރާތުގެ ބިންގާ އަޅާފައިވަނީ 23 ޖޫން 2022 ގައެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް ލަސްވެފައި ވަނިކޮށް، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މި މަސައްކަތް އަވަސްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާފައިވާކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.
އަލަށް ހުޅުވި އެމްއާރުސީސީގެ އިމާރާތުގައި ކަނޑާއި ވައިގެމަގުން ހިނގާ ހާދިސާތައް ވިލަރެސްކުރުމަށް ޒަމާނީ އޮޕަރޭޝަންސް ރޫމެއް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން، އިންސާނީ ވަސީލަތް ތަރައްޤީކޮށް ތަމްރީނުތައް ހިންގުމަށް ބޭނުންވާ ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއްވެސް މި އިމާރާތުގައި ހިމެނެއެވެ.
މި މަޝްރޫއު ވިލަރެސްކުރުމުގައި ޔޫއެންއޯޑީސީން މުހިންމު ދައުރެއް އަދާކޮށްފައިވާއިރު، ޚިދުމަތަށް ބޭނުންވާ އާލާތްތައް ހޯދުމުގައި އޮސްޓްރޭލިޔާ ސަރުކާރުގެ އެހީތެރިކަން ލިބިފައިވެއެވެ.ރާއްޖޭގައި އެމްއާރުސީސީގެ ޚިދުމަތް އެންމެ ފުރަތަމަ ފެށުނީ 2006 ވަނަ އަހަރު "ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް" (ޖީއެމްޑީއެސްއެސް) ގެ ނަމުގައެވެ. އޭގެ ފަހުން 27 ޖުލައި 2012 ގައި މި މަރުކަޒުގެ ނަން "މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު" އަށް ބަދަލުކޮށް، ހުރިހާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކެއް އެއް ފުރާޅެއްގެ ދަށުން ވިލަރެސްކުރަން ފެށުނެވެ.
އެމްއެންޑީއެފުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ޖުމްލަ 3,713 ހާދިސާއެއް އެމްއާރްސީސީއަށް ވަނީ ރިޕޯޓްކޮށްފައެވެ. މި ހާދިސާތަކުގައި 8,359 ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފައިވެއެވެ. މި އައު އިމާރާތާއެކު ކޯސްޓްގާޑުގެ ޤާބިލްކަން އިތުރުވެ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

