ހަރުދަނާ މާލީ ނިޒާމަކާއި ޒިންމާދާރުކަމުގެ ތެރެއިން އިޤުތިޞާދީ ލޮޅުންތަކަށް ތައްޔާރުވެފައިވާ އިޤުތިޞާދެއް ބިނާކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށް ފިނޭންސް މިނިސްޓަރ ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސްއިން ބޭއްވި "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2026" ފެށުމުގެ ރަސްމިއްޔާތުގައި ޒަރީރު ވިދާޅުވީ، ދެމެހެއްޓެނިވި އިޤުތިޞާދެއް ބިނާކުރުމަށް އެދޭ ކޮންމެ ޤައުމެއްގެ ސިޔާސަތުތައް ބިނާވާންޖެހޭނީ އިތުބާރާއި، ޒިންމާދާރުކަމާއި، ވަސީލަތްތައް ހެޔޮގޮތުގައި ބެލެހެއްޓުމުގެ މައްޗަށް ކަމަށާއި، މިކަމުގެ ބިންގަލަކީ ހަރުދަނާ އެކައުންޓެންސީ ދާއިރާއެއް ކަމަށެވެ.
އެގޮތުން އެކައުންޓިންގއަކީ ހަމައެކަނި އާންމު ފައިސާ ޒިންމާދާރުކަމާއެކު ބެލެހެއްޓުމާއި، ވިޔަފާރީގެ ރަނގަޅު ނިންމުންތައް ނިންމުމެއް ނޫން ކަމަށާއި، އެއީ އިންވެސްޓަރުންގެ އިތުބާރު ހޯދައި އިޤުތިޞާދީ ހިންގުން ހަރުދަނާކޮށްދޭ މުހިންމު ބަހާއެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ ފަދަ ކުޑަ ގައުމަކަށް، އެއީ ވަކިން މުހިންމު ދާއިރާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުން ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި 1.4 ބިލިއަން ޑޮލަރުގެ ދައުލަތުގެ ދަރަނި އަދާކޮށްފައިވާކަން ފާހަގަ ކުރައްވައި ޒަރީރު ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައިވެސް އަފަދަ މުއްދަތެއްގެ ތެރޭގައި ދަރަނި އަދާކުރި އެންމެ ބޮޑު މިންވަރު ކަން ފާހަގަކޮށްފައެވެ.
ޒަރީރު ވިދާޅުވީ، ދަރަނި އަދާކުރުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ނަމަވެސް، ޙަޤީޤީ ވިލުންތެރިކަމަކީ ހަމައެކަނި ވަގުތުން ވަގުތަށް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުން ނޫން ކަމަށާއި، އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އަމާޒަށް ވާޞިލުވުން ކަމަށެވެ.
އަދި މި ތަޞައްވުރަށް ވާސިލްވެވޭނީ ޕްރައިވެޓް ސެކްޓަރު އިސްވެ އޮންނަ، ފުޅާ އަދި ޑިޖިޓަލް އިޤުތިޞާދަކާއި، އުފެއްދުންތެރިކަން އިތުރުވެފައިވާ އަދި ހަރުދަނާ މާލީ ދާއިރާއެއް އޮވެގެން ކަމަށާއި، މި ހުރިހާ ކަމެއްގައިވެސް އިތުބާރުހުރި މާލީ މައުލޫމާތާއި މުއައްސަސާތައް މުހިންމު ދައުރެއް އަދާކުރާ ކަމަށް ޒަރީރު ވިދާޅުވިއެވެ.
އަދި މި މިންގަނޑުތައް ދެމެހެއްޓުމަށް ޓަކައި ސީއޭ މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރައްވައި ޒަރީރު މިކަމަށް ޓަކައި އެފަރާތަށް ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.
އަދި ސީއޭ މޯލްޑިވްސް އިން މި ދާއިރާގައި ބައިވެރިވުން އިތުރުކުރުމަށް ސީއޭ މޯލްޑިވްސްއިން ތަޢާރަފުކުރާ "އެކައުންޓެންޓްސް އިން ބިޒްނަސް" ރަޖިސްޓްރޭޝަނާއި، ޒުވާން ހުނަރުވެރިން އުފެއްދުމަށް ދަރިވަރުން ރަޖިސްޓްރީ ކުރުމަށް ފަށާފައިވާ މަސައްކަތްތަކަށް އެމަނިކުފާނު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.
2 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ފޯރަމްގައި 400 ފަރާތަކުން ބައިވަރިވާ އިރު މި ފޯރަމް ގެ މި އަހަރުގެ ޝިއާރަކީ އެވެ."ނެވިގޭޓިންގ ޗޭންޖް، ބިލްޑިންގ ރެޒިލިއަންސް"

