ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ އަދި ބީއެމްއެލް ގުޅިގެން ތަޢާރަފްކުރި މި ޚިދުމަތުގެ މައިގަނޑު މަގްސަދަކީ، ބައިނަލް ބައިނަލްއަގުވާމީ މާކެޓުތަކަށް މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ދިވެހި ވިޔަފާރިތަކަށް ބޭރު ފައިސާ ސީދާ އެ ފަރާތަތްތަކަށް ލިބޭނެ މަގު ފަހި ކޮށްދިނުމުގެ މަޤްސަދުގައި ތަޢާރަފް ކުރި ޚިދުމަތެކެވެ.
މި އިންތިޒާމުގެ ދަށުން، ބައިނަލްއަގުވާމީ މާކެޓުތަކަށް މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ދިވެހި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، ބައިނަލްއަގުވާމީ ކާޑުތަކުން ދައްކާ ފައިސާ ސީދާ ޔޫއެސް ޑޮލަރުން އެކައުންޓަށް ޖަމާކުރެވޭނެއެވެ. މީގެ އިތުރުން، މި ޚިދުމަތުގެ ދަށުން ލިބޭ ޑޮލަރު، ވިޔަފާރީގެ އެކައުންޓާ ގުޅިފައިވާ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން ސަބްސްކްރިޕްޝަންތަކަށާއި ބޭރުގެ އެކި ޚަރަދުތަކަށް ބޭނުންކުރެވޭނެ އެވެ.
ބީސީސީން ބުނި ގޮތުގައި މި ޚިދުމަތަށް އެދެން ބޭނުން ފަރާތްތަކުން އެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް މި ޚިދުމަތަށް މިހާރު އެދެވޭނެކަމަށެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ދަށުން 1 ނޮވެމްބަރ 2026 އިން ފެށިގެން މި އިންތިޒާމު ހަމަޖެހިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވީ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައެވެ.
މިއީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ތަޞައްވުރާއި އެއްގޮތަށް ދިވެހި ޒުވާނުންނާއި، ފަންނުވެރިންނާއި، ކުދި ވިޔާފާރިތައް ބާރުވެރިކުރުވައި، އެ ފަރާތްތަކަށް ދުނިޔޭގެ ބާޒާރުން ފުރުޞަތު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް އަމާޒުކޮށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.
މިކަމަށްޓަކައި ސަރުކާރަށް އެއްބާރުލުން ދެއްވައި ބީއެމްއެލް އިން މި ޚިދުމަތަށް ތަޢާރަފް ކޮށް މި ޚިދުމަތުގައި ވިޔާފަރި ކުރާ ފަރާތްތަކަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް ސަރުކާރުން ވަނީ ޝުކުރުއަދާކޮށްފައެވެ.

