ދިވެހި އުފެއްދުންތެރި ކަމުގެ މައުރަޒްގައި ބައިނަލް އަޤްވާމީ ފަރާތް ތަކުން ބައިވެރި ކުރުމަށް ބެނޭނުންވާ ތަކެތި ރާއްޖެ ގެންނަން ފަށައިފި ކަމަށް އިޤްތިޞާދާއި ތަރައްޤީ އާއި ވިޔަފާރިއާއި ދަތުރު ފަތުރާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޝިޔާޒް ވިދާޅުވެއްޖެއެވެ.
ދިވެހި ޗެނަލަށް މިއަދު ދެއްވި ބަސްދީ ގަތުމެއްގައި ސްޓޭޓް މިނިސްޓަރ ވިދާޅުވީ އެކްސްޕޯ ފަށަން 3 ދުވަހަށް ވެފައި ވާއިރު އެކްސްޕޯ ހުޅުވުމަށް ޓަކައި ވާން ޖެހޭ ފަހުގެ ތައްޔާރީ ތަކުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ހުރިހާ ސްޓޯލްތަކަށް އެކަށީގެންވާ ކަރަންޓު ފޯރު ކޮށް ދިނުމަށް ކުރަން ޖެހޭ މަސައްކަތް ކަމަށެވެ. އެކްސްޕޯގެ ބައިވެރިން 7 ޑިސްޓްރިކްޓަކަށް ބަހާލާފައިވާ އިރު ބައެއް ޑިސްޓްރިކްޓް ތަކުގެ ބައިވެރިން މިހާރު ދަނީ ޢަމަލީ މަސައްކަތް ނިންމަމުން ކަމަށް ޝިޔާޒް ވިދާޅުވިއެވެ.
މައުރަޒްގެ ޑީސަލް ޑިސީޓްގެ މަސައްކަތާއި މާކެޓް ސީޓް ތަކުގެ މަސައްކަތް އެކްސްޕޯ ހުޅުވުމުގެ ދެ ދުވަހެއް ކުރިން ހަވާލު ކުރާނެ ކަމަށް ވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މައުރަޒްގެ ޑިސީޓް މަސައްކަތާއި މައުރަޒްގައި ބައިވެރިން ބައިވެރި ކުރާ ތަކެއްޗައް އިންސާފް ކުރުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށާއި ދެން ކުރިއަށް ދާނީ މައުރަޒްގެ ތެރޭގައި އެއްޗެހި އެތުރުމާއި މައުރަޒް ގެ ތެރެއިން ދައްކާލަން ބޭނުން ވާ ކަންކަން ކަމަށް ޢަބްދުﷲ ޝިޔާޒް ވިދާޅުވިއެވެ.
މަސައްކަތް ފަށައިގަތް އިރު ލޮޖިސްޓިކް މަސައްކަތްތަކުގައި ކުޑަ ދަތިކަމެއް ހުރި ނަމަވެސް ސަރުކާރާއި އެކްސްޕޯގެ ބައިވެރިންގެ އެހީތެރި ކަމާއި އެކު އެކަން މިހާރު ހައްލުވެފައިވާ ކަމަށާއި މި އެކްސްޕޯ އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒްގެ ފުރިހަމަ އެއްބާރުލެއްވުމާ އެކު ރޭވި ހިނގަމުން ދާ ކަމެއް ކަމުން ދިމާވި ހުރިހާ ހުރަސްތަކެއް ގިރާކޮށް އެކްސްޕޯގެ ތައްޔާރީ ތަކަށް ނިމުމެއް އަންނަން ގާތް ވެފައިވަ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
މިހާރު އިންޓަނޭޝަނަލް ޑިސްޓްރިކްޓްގެ މަސައްކަތް ފެށިފައިވާކަމަށް ވިދާޅުވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ އިންޓަނޭޝަނަލް ޑިސްޓްރިކްޓްގައި ބައިވެރި ކުރާ ބައެއް ތަކެތި މިހާރު ރާއްޖެ އައިސްފައިވާ ކަމަށާއި ބައެއް ތަކެތި އަންނަ މަގުމަތީގައި ވާކަމަށެވެ.
މޫސުމުގެ ގޮތުން އެކްސްޕޯ ބާއްވަން އެއްވެސް ދަތިކަމެއް ނާންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ގިނަ ސްޓޯލް ނުވަތަ ޓެންޓްތަކަކީ ވަށައިގެން ނިވާ ކުރެވޭ ގޮތަށް ހުރި ތަންތަން ކަން ފާހަގަ ކުރައްވަމުން އެއްވެސް ވަރަކަށް ، ބައިވެރިވާ އެއްވެސް ފަރާތެއްގެ މުދަލަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ހުރިހާ ކަމެއްވެސް ރާއްވަވަމުން ގެންދަވާ ކަމަށް ޝިޔާޒް ވިދާޅުވިއެވެ.
މިއަހަރުގެ މައުރަޒްގައި 7 ޑިސްޓްރިކްޓަކުން 22 ރަށެއްގެ ބައިވެރިން ބައިވެރިވެފައިވާ އިރު މިދިޔަ އަހަރު 2400 އައިޓަމް ބައިވެރި ކޮށްފައި ވީނަމަވެސް މިއަހަރު އެ އަދަދު 4800އަށް އިތުރު ވެފައިވެއެވެ. މިިދިޔަ އަހަރުގެ އެކްސްޕޯ 10 ދުވަހަށް ކުރިިއަށް ދިޔައިރު ދުވާލެއްގެ މައްޗައް 90 ހާހަށްވުރެ ގިނަ ފަރާތް ޒިޔާރަތް ކޮށްފައިވެއެވެ.
މިއަހަރުގެ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރ މަހުގެ 25 އިން ނޮވެމްބަރު 2ގެނިޔަލަށެވެ. މި އެކްސްޕޯގައި ގާތްގަނޑަކަށް 130 ސްޓޯލް ހުންނާނެ ކަމަށް ބެލެވެއެވެ.

