2023 ވަނަ އަހަރާ ބަލައި، އާސަންދަ މެދުވެރިކޮށް ސިއްޙީ ފަރުވާ ހޯދަން ރާއްޖެއިން ބޭރަށްދާ މީހުންގެ އަދަދު މަދު ކުރެވިފައިވާ ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމަށެވެ. އެހެންކަމުން މި ދައުރުގައި ސަރުކާރުން އެކުލަވާލާ ބަޖެޓުގައި އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީވެސް އެދާއިރާއަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި އާސަންދަ ކުންފުނިން ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް މިންނެތް މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ފާއިތުވި ތިން އަހަރު ތެރޭގައި އާސަންދަ ސްކީން މެދުވެރިކޮށް ސިއްޙީ ފަރުވާއަށް ކުރެވުނު ހޭދައިގެ ތަފާސް ހިސާބުތަކަށް އަލިއަޅުވާލައްވާފައެވެ.
އާސަންދަ ހަރަދުގައި ބޭރަށްދާ މީހުންގެ އަދަދު މަދުނުވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ވަޒީރު ވިދާޅުވީ ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ބަލިމީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ އެ އަދަދު މަދުނުކުރެވެނީ ކަމަށެވެ. އެގޮތުން ވަޒީރު ވިދާޅުވިގޮތުގައި 2023 ވަނަ އަހަރު އެކަނިވެސް ކެންސަރުގެ ފަރުވާތަކާއި ބައްޔާއި ގުޅުންހުރި ބައެއް ޓެސްޓްތައް ހެދުމަށް 1638 މީހުން ރާއްޖެއިން ބޭރަށް ފޮނުވުނެވެ. 2024 ވަނަ އަހަރު އެ އަދަދު 1996 އަށް އިތުރުވެފައުވާއިރު، 2025 ވަނައަހަރު އެ އަދަދު 2000 އަށްވުރެ މަތިވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި އަލަށް ފޮނުވުނު ފަރާތްތަކާއި ތަކުރާރުކޮށް ފޮނުވޭ ފަރާތްތައް ހިމެނޭ ކަން ފާހަގަކުރެއްވިއެވެ.
ކެންސަރުބަލީގެ ފަރުވާގެ ކަންކަމާ ގުޅޭގޮތުން ސަރުކާރުން ކުރި އެންމެ މުހިންމު އެއް ކަމަކީ ކުރިއާލާ ކެންސަރު ސްކްރީނިން ހަދައި ބަލި ދެނެގަތުމުގެ ޓެސްޓްތައް ހެދޭނެ މަގު މާލެއާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ހޮސްޕިޓަލުގައި ފަހިކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ބަލިމީހުން ފޮނުވަން ޖެހެނީ ރާއްޖޭގައި މިވަގުތު ދެވެން ނެތް ސްޕެޝަލިސްޓު ފަރުވާތަކާއި ބޮޑެތި އޮޕަރޭޝަންތަކާއި ނާރާއި ކަށީގެ ބަލިތަކަށް ހިދުމަތް ހޯދުމަތް ކަމަށެވެ. އަދި ފާއިތުވީ ތިން އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނަ މީހުން ރާއްޖެއިން ބޭރަށް ފޮނުވިފައިވަނީ ކެންސަރު ބަލީގެ ފަރުވާތަކަށް ކަމަށް ވަޒީރު ފާހަގަކުރެއވްިއެވެ.

