އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.
މި މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރުފަހު 12:00 އަށް އެ އޮފީހުން ފޯމުތައް ބަލައިގަންނާނެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި އާހިދު ރަޝީދު އެ މަގާމަށް އައްޔަންކުރީ 06 ސެޕްޓެމްބަރު 2021ގައެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ގާނޫނުގެ ދަށުން މި މަގާމަށް ޢައްޔަންކުރާ ފަރާތަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވަތަ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވާ މީހަކަށް ވެގެން ނުވާނެއެވެ. ހަމައެއާއެކު އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުމާއި ޖިނާއީ ބޮޑެތި ކުށްތަކާއި، ޚިޔާނާތް އަދި ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރިކޯޑު ފޯމުގެ އިތުރުން ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބަލާ ފޯމު، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ދައުލަތުގެ މުއައްސަސާތަކުން މަޢުލޫމާތު ހޯދުމުގައި ރައްޔިތުންނަށް އޮތް ޙައްގު ކަށަވަރުކޮށްދިނުމަށް 2014 ވަނަ އަހަރު އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ. މި މަގާމަށް ބޭފުޅަކު ޢައްޔަންކުރައްވާނީ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާ ނަންތަކަށް ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއާއި ރުހުން ލިބުމުންނެވެ.

