ސްކޫލްތަކުގެ ލީޑަރޝިޕް ވަރުގަދަކުރުމަށާއި ކިޔަވައިދިނުމާއި އުނގެނުމުގެ ފެންވަރު މަތިކުރުމަށް އަމާޒުކޮށްގެން، ދެކުނު ޒޯނުގެ ސްކޫލްތަކުގެ ލީޑިންގ ޓީޗަރުންނަށް ޚާއްޞަކޮށްގެން ތިން ދުވަހުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ވޯކްޝޮޕެއް ފުވައްމުލައް ސިޓީގައި ބާއްވައިފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) ގުޅިގެން އިންތިޒާމުކުރި މި ވޯކްޝޮޕަކީ، އިންސްޓްރަކްޝަނަލް ލީޑަރޝިޕް، ކޯޗިންގ، މެންޓަރިންގ، މުޢާމަލާތުކުރުން އަދި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމު ހުނަރުތައް ލީޑިންގ ޓީޗަރުންގެ ކިބައިގައި އަށަގެންނެވުމަށްޓަކައި ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޓީޗަރުންނަށް ބޭނުންވާ ފައިދާހުރި އިންސްޓްރަކްޝަނަލް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ގުޅިގެން އުނގެނޭ މާޙައުލެއް ބިނާކުރުމަށާއި، އަދި ސްކޫލްތަކުގައި މެދުކެނޑުމެއްނެތި ކުރިއެރުން ދެމެހެއްޓުމަށް ބޭނުންވާ މަޢުލޫމާތާއި ޢަމަލީ ހުނަރުތައް ބައިވެރިންނަށް ފޯރުކޮށްދިނުމެވެ.
މި ވޯކްޝޮޕްގެ ތެރެއިން، ބައިވެރިންގެ ލީޑަރޝިޕް ޤާބިލުކަން އިތުރުކުރެވޭނެ ގޮތްތަކާއި، ޓީޗަރުންނަށް އެހީތެރިވުމުގައާއި، ކްލާސްރޫމްތަކުގެ ކިޔަވައިދިނުން ހަރުދަނާކުރުމުގައާއި، އަދި ޖުމްލަގޮތެއްގައި ސްކޫލްގެ ފެންވަރު މަތިކުރުމުގައި މިހާރަށްވުރެ ހަރަކާތްތެރި ދައުރެއް އަދާކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކޮށް ގޮތްތައް ހޯދާފައިވެއެވެ.
މި ވޯކްޝޮޕަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލްތަކުގެ ލީޑަރޝިޕް ވަރުގަދަކުރުމަށާއި ތަޢުލީމީ ދާއިރާގެ ފަންނީ ބޭފުޅުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޔުނިސެފް ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ބޭއްވުނު ވޯކްޝޮޕެކެވެ.



