logo

ޝަމްއާނަށް ހުކުމްކުރުން މިއަދު ހަވީރު

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ހުކުމް ކުރުން މިއަދު ހަވީރަށް ތާވަލުކޮށްފިއެވެ.

ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް އުފުލާ ކްރިމިނަލް ކޯޓުގައި ވަނީ ޝަރީއަތް ހިންގާފައެވެ. ދައުވާތަކާ ގުޅިގެން ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފައިވަނީ މިއަދު ހަވީރު 4:00 އަށެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއަކު ދޫކޮށްލައި އެމީހާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށެވެ. އަދި ފުލުހުންގެ ކުރިއަށް ގެންދާ ތަހުގީގަކަށް ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ހައްޔަރުކުރީ މިދިޔަ އަހަރުގެ މާޗް 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޝައްމާނަށް ކުރާ ދައުވާތަކާ ގުޅިގެން އޭނާގެ ދިފާއުގައި މަންމައާއި ބައްޕަ އަދި އަންހެނުންވެސް ހެކިބަސް ދީފައިވެއެވެ.

ޝައްމާންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ތެރެެއިން އެއް ދައުވާއަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް އެ ކުށް ސާބިތުވެެއްޖެ ނަމަ، ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދެވަނަ ދައުވާއަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ތިންވަނައަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، އެއްލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު (ލޯންޑާކުރި ފައިސާގެ އަދަދު)ގެ ފަސް ގުނައަށްވުރެ އިތުރު ނުވާ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކުރާނެއެވެ.

މި ދައުވާތަކަށް ޝަމްއާން ވަނީ އިންކާރުކޮށްފައެވެ.

ad