logo

ޓެރަރިޒަމަށް ވާގިވެރިވާ ލިސްޓުން ސޫރިޔާ ނަގައިފި، ރާއްޖޭގެ މަރުޙަބާ!

އާމިނަތު މޫސާ
ދުވަހެއް ކުރިން

އެމެރިކާއިން އެކުލަވާލާފައިވާ ޓެރަރިޒަމަށް ވާގިވެރިވާ ދައުލަތްތަކުގެ ލިސްޓުން ސީރިޔާ އުނިކުރަން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ނިންމެވުން ކޮންގްރެސްއަށް ހުށަހެޅުއްވީ މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. މި ނިންމުމަށް އަމަލުކުރަން ފަށާފައިވަނީ ކޮންގްރެސްގެ 45 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު، މި ހަފްތާގެ ހޯމަ ދުވަހުއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ފިޔަވަޅު އަޅާފައިވަނީ ޓެރަރިޒަމްގެ އަމަލުތަކާ ސީރިޔާ ދުރުހެލިކުރުމަށް ރައީސް އަލް-ޝަރާޢު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތައް ބަލައިގަތުމުގެ ގޮތުން ކަމަށެވެ.

މި ނިންމުމާއި ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން ވަނީ ސީރިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކޮށްފައެވެ. ދިވެހި ސަރުކާރުން ބުނީ އެމެރިކާގެ މި ނިންމުމުގެ ސަބަބުން ސީރިޔާ އަލުން އާރާސްތުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ދިވެހިރާއްޖެއިން އުންމީދުކުރާކަމަށެވެ. އަދި މިއީ ސީރިޔާގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، އެމީހުންގެ ދިރިއުޅުމަށް އާރޯކަން ގެނެސްދޭނެ ކަމެއް ކަމުގައިވެސް ރާއްޖެއިން ފާހަގަކުރެއެވެ.

ސީރިޔާގެ މިނިވަންކަމާއި، ސަރަހައްދީ އިމުގެ އިސްތިގްލާލު ރައްކާތެރިކުރުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރަނެކަން ހާމަކޮށް ސަރުކާރުން ބުނީ ސީރިޔާގެ ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށްޓަކައި އެ ގައުމުގެ ރައްޔިތުން އިސްވެ، އެންމެންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ސުލްހަވެރި ސިޔާސީ ހައްލަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމަށެވެ.

މި ލިސްޓަށް އެމެރިކާއިން އެންމެ ފުރަތަމަ ސީރިއާ ލާފައިވަނީ 1979 ވަނަ އަހަރު، ކުރީގެ ރައީސް ޙާފިޡު އަލް-އަސަދުގެ ވެރިކަމުގައެވެ. އޭގެ ފަހުން އޭނާގެ ދަރިކަލުން ބައްޝާރުލް އަސަދުގެ ވެރިކަމުގައިވެސް އެ ލޭބަލް އޮތް ނަމަވެސް، 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހު އަލް-ޝަރާޢުގެ ހަނގުރާމަވެރިން ވަނީ އަސަދުގެ ވެރިކަން ވައްޓާލާފައެވެ.

މި ލިސްޓުން ސީރިއާ އުނިކުރުމާއެކު، ސީރިއާއަށް ބޭރުގެ އެހީ ދިނުމާއި، ދިފާއީ ސާމާނު ވިއްކުމާއި، މާލީ މުޢާމަލާތްތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. އަދި ބޭރުގެ އިންވެސްޓަރުންނާއި ބޭންކުތަކުން ސީރިއާއާއެކު މުއާމަލާތްކުރުމަށް އޮތް ހުރަސް ނެތިގެންދިޔައީއެވެ. މީގެ އިތުރުން، ކުރިން އަލް-ޤައިދާއާ ގުޅުން އޮތް އަދި އަލް-ޝަރާޢު އިސްކޮށް ހުންނެވި 'ހަޔާތު ތަޙްރީރުއްޝާމް' ނުވަތަ އަލް-ނުސްރާ ފްރަންޓް ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުންވެސް ވަނީ އުނިކޮށްފައެވެ.

ad