logo

ޤަވާއިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް

އާމިނަތު މޫސާ
5 ގަޑިއިރު ކުރިން

ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމަށް އެކުލަވާލާފައިވާ އައު ގަވާއިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދީފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްޑީއޭ) އިން މި ގަވާއިދު އާންމުކުރީ މިދިޔަ ހަފުތާގައެވެ. މި ގަވާއިދު އާންމުކުރުމާއެކު ގަވާއިދަށް އަމަލުކުރަން ފެށި ނަމަވެސް އެމްއެފްޑީއޭއިން ވަނީ ކާބޯތަކެތި ލޭބަލް ކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދީފައެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ކާބޯތަކެތި ބަންދުކުރުމާއި، ލޭބަލްކުރުމުގެ ގަވާއިދުގައިވާ ގޮތުން، ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން މި ގަވާއިދަށް ޢަމަލުކުރަން ޖެހެއެވެ.

ނަމަވެސް، މިހާރު ބާޒާރުގައި ހުރި ތަކެއްޗާއި، އަލަށް އުފައްދާ އަދި ރާއްޖެއަށް އެތެރެކުރާ ތަކެތި މި ގަވާއިދުގެ މިންގަނޑުތަކަށް ފެއްތުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވުމަށް، 6 މަސްދުވަހުގެ އިތުރު މުއްދަތެއް ދީފައިވާ ކަމަށެވެ.

ކާބޯތަކެތި އިމްޕޯޓްކޮށް އެކްސްޕޯޓް ކުރާ ފަރާތްތަކާއި ކާބޯތަކެތި ބަންދުކޮށް ލޭބަލް ކުރާ ފަރާތެއްގެ އިހުމާލުން އާންމު ސިއްޙަތަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ އެ ފަރާތަކަށް ކާބޯތަކެތީގެ ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ދޫކޮށްފައިވާ ލައިސަން ނުވަތަ ރަޖިސްޓްރޭޝަން ހިފެހެއްޓުމާއި ބާތިލުކުރުމުގެ ބާރު މި ގަވާއިދުގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިބެއެވެ. އަދި އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު މެދުވެރިކޮށް، އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި ވިޔަފާރީގެ ބޭނުމަށް އުފައްދައި ލޭބަލްކޮށް ބަންދުކުރުމަކީ ކުށެއް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި ކުށަށް އަރައިގަންނަ ފަރާތްތައް 10،000 ރުފިޔާ އާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެ މީހެއްގެ ރަޖިސްޓްރީ ނުވަތަ ލައިސަން ހިފެހެއްޓޭނެއެވެ. އެގޮތުން، ފުރަތަމަ ފަހަރަށް 10،000 ރުފިޔާއިން ޖޫރިމަނާކޮށް ލައިންސަން 7 ދުވަހަށް ހިފަހައްޓާއިރު ދެވަނަ ފަހަރަށް 100،000 ރުފިޔާއިން ޖޫރިމަނާކޮށް ލައިސަން 15 ދުވަހަށް އަދި ތިންވަނަ ފަހަރަށް އެފަދަ ކުށެއް ކޮށްފިނަމަ 750،000 ރުފިޔާއިން ޖޫރިމަނާކޮށް ލައިސަން ނުވަތަ ރަޖިސްޓްރީ ބާތިލުކުރެވޭނެއެވެ.

މީގެ އިތުރުން އަސްލު އޮޅޭގޮތަށް ލޭބަލް ކުރުމުގެ ސަބަބުން މީހެއްގެ ސިއްޙަތަށް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ފުރާނައަށް ނުރައްކާވެއްޖެނަމަ އެ އަމަލެއް ކުރި މީހަކު 1،000،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑާ ޚިލާފަށް ކާބޯތަކެތި ލޭބަލްކުރުމަކީވެސް ކުށެކެވެ. މި ކުށަށް ފުރަތަމަ ފަހަރަށް އަރައިގަންނަ މީހާ 10،000 ރުފިޔާއިން ޖޫރިމަނާކުރާއިރު ދެވަނަ ފަހަރަށް 100،000 ރުފިޔާއިން، 3 ވަނަ ފަހަރަށް 500،000 ރުފިޔާއިން އަދި 4ވަނަ ފަހަރަށް ކުށަށް އަރައިގެންފިނަމަ 750،0000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން 5ވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ 1،000،000 ރުފިޔާއިން އެ މީހަކު ޖޫރިމަނާކުރުމުގެ އިތުރުން ލައިސަންސް ނުވަތަ ރަޖިސްޓްރީ ބާތިލްކުރެވޭނެއެވެ.

މި ގަވާއިދާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ ފުޑް ކޮންޓްރޯލް ޑިވިޝަންގެ ނަންބަރު 3034217 އަށް ގުޅުމަށް ނުވަތަ އަށް މެއިލް ކުރުމަށް އެމްއެފްޑީއޭ އިން ވަނީ އެދިފައެވެ.

ad