logo

ބަންކަރިން ހިދުމަތުން 923 މިލިއަން ރުފިޔާ ލިބިއްޖެ

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

އިންޓަނޭޝަނަލް ބަންކަރިންގެ ވިޔަފާރިން އާމްދަނީގެ ގޮތުގައި 923 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ އެޕްރީލް 30 ވަނަ ދުވަހުގެ ނިޔަލަށް ބަންކަރިންގެ ހިދުމަތުން 923.46 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

މި ސަރުކާރުން އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިން މަޝްރޫއަކީ ދިވެހިރާއްޖޭގެ އިގުތިސާދަށް އިންގިލާބީ ބަދަލެއް ގެނުވައި، ގައުމަށް ބޮޑު އާމްދަނީއެއް ހޯދައިދޭނެ ކަމަށް އަންދާޒާކުރެވުނު ބޮޑު މަޝްރޫއެކެވެ. މަޝްރޫއު ފެށިއިރު އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކުރެވުނެވެ. މި ހިދުމަތް ދިނުމަށް އެސްޓީއޯއިން ނެދަލޭންޑްސްގެ ވިޓޯލް ކުންފުންޏާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

ވަޒީރު ވިދާޅުވީ ބަންކަރިންގެ ހިދުމަތަށް ބޭނުންކުރާ ތެލުގެ 85 އިންސައްތައާއި 90 އިންސައްތައާއި ދެމެދުގެ މިންވަރެއްގެ ތެލަކީ ރާއްޖެއަށް މުޅިން އަލަށް ގެންނަ ބާވަތެއް ކަމަށެވެ. އަދި މީގެ ރާއްޖޭގައި އެ މަސައްކަތް ކުރީ ސްރީ ލަންކާ އާއި ރާއްޖޭގެ އަވަށްޓެރި އެހެން ގައުމުތަކުގެ ބޯޓުފަހަރު އައިސްގެން ކަަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ބަންކަރިން ހިދުމަތުން ދައަލަތަށް 58.93 މިލިއަން ރުފިޔާ މި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ލިބުނު ކަމަށެވެ.

ބަންކަރިންގެ ހިދުމަތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް 18 މިލިއަން ލީޓަރުގެ ތެޔޮ ވިއްކާފައިވެ އެވެ. އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށީ 19 ސެޕްޓެމްބަރު 2024 ގަ އެވެ.

ތެލުގެ ވިޔަފާރީގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ފެންވަރުގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ ގުޅިގެން އެސްޓީއޯ އިން ބަންކަރިން ހިދުމަތް ފެށީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ.

ad