logo

ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނަށް ފިންލެންޑްގެ ޓީމް ރާއްޖެއަށް

އާމިނަތު މޫސާ
16 ގަޑިއިރު ކުރިން

ވ. އަތޮޅުގެ ސަރަހައްދަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދަން ރެސްކިއު އޮޕަރޭޝަނާއި ގުޅުމަށް ފިންލޭންޑްގެ ތަޖުރިބާކާރުން ރާއްޖެ އަތުވެއްޖެއެވެ.

ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަކަށް ޑައިވިންއަށް މިމަހުގެ 14 ވަނަ ދުވަހު ފައިބާފައިވަނީ އިޓަލީގެ 5 ފަތުރުވެރިންނެވެ. ދިވެހި އެއްވެސް ޑައިވަރަކާ ނުލާ އެ ފަތުރުވެރިން ޑައިވިންއަށް ފައިބާފައިވާއިރު، އެމީހުންގެ ހަބަރެއް ނުވެގެން އެމީހުން ހޯދަމުން ދަނިކޮށް، އޭގެ ތެރެއިން ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެދުވަހުގެ ވަގުތެއްގައި ކަނޑުގެ 60 މީޑަރު އަޑިން ކޭވްއެއްގެ ތެރެއިންނެވެ.

އެއާއި އެކީ އެމްއެންޑީއެފުން ވަނީ އެސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. "ހައި ރިސްކު" އޮޕަރޭޝަނެއް ކަމަށް އެމްއެންޑީއެފުން ސިފަކޮށްފައިވާ އެ އޮޕަރޭޝަނުގައި މިއަދުވެސް އަށް ޑައިވަރަކު ހަރަކާތްތެރިވަމުން ދިޔައެވެ. އަދި އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެގެން ފަރުވާ ދެމުން ދިޔަ ސިފައިންގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ވަނީ ނިޔާވެފައެވެ.

މިއާއެކު މިހާރު އޮޕަރޭޝަން މެދުކަނޑާލާފައިވައިރު، ދެން އޮޕަރޭޝަން ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ އިޓަލީ ސަރުކާރުން ހަމަޖައްސާފައިވާ، އެ ގައުމަށް ނިސްބަތްވާ "ބޭން" ކިޔާ ކުންފުންޏެއްގެ ތަޖުރިބާކާރުންނާއި އެކުގައެވެ.

ސަރުކާރުގެ އިސްތަރުޖަމާނު މުޙައްމަދު ހުސައިން ހުސައިން ޝަރީފް (މުންދު) ވަނީ ފިންލެންޑްގެ ތަޖުރިބާކާރުންގެ ޓީމް މިހާރު ރާއްޖެ އައިސްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

އެ މީހުން ރާއްޖެ އައިސްފައިވާއިރު، އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ކޯސްޓްގާޑުގެ ޑައިވަރުންނާއި ގުޅޭނެއެވެ.

ad