logo

ދުންފުހުގެ ސަބަބުން އަންނަ ހަފްތާގައި ވެސް ވައި ނުސާފުވާނެ: މެޓް

އާމިނަތު މޫސާ
3 ދުވަސް ކުރިން

ކުރިއަށް އޮތް ހަފުތާގެ ތެރޭގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ދުންފުހުގެ އަސަރުކޮށް، ލޮލަށް ފެންނަ ދުރުމިން ދަށްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، ދުންފުހުގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގައި ވައި ނުސާފްވެ ހަމަ ލޮލަށް ސާފްކޮށް ފެންނަ ދުރުމިން ދަށްވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް ދުންފަހުގެ އަސަރު މި ސަރަހައްދުތަކަށް ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް މެޓުން ބުނެއެވެ.

މިވަގުތު ދުރު ފެންނަ މިންވަރު ނުވަތަ ވިސިބިލިޓީ ހުރީ ފަސް ކިލޯ މީޓަރުގައެވެ. މެޓް އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި، މީގެކުރީގެ ބައެއް އަހަރުތަކުގައި މި މިންވަރު 5000 މީޓަރު އަދި ބައެއް ފަހަރު 4000 މީޓަރަށް ވެސް ދަށަށް ގޮސްފައިވެއެވެ. މިފަދަ ދަނޑިވަޅުތަކުގައި ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުން މުހިންމެވެ.

މި ދަރަޖައަށް ވައި ނުސާފުވުމަކީ ނޭވާލާ ނިޒާމުގެ ތެރެއިން ފުއްޕާމެއަށް އަދި ލޭގެ ތެރެއަށް ވެސް އެތެރެވެ، ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ.

މޫސުމާ ބެހޭ އިދާރާތަކުން ބުނާގޮތުގައި ކޮންމެ އަހަރެއްގެ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރު ނުވަތަ ދެ މޫސުން ބެދޭ ދުވަސްވަރު ރާއްޖޭގެ ވައި އާންމުކޮށް ނުސާފުވެއެވެ. މިފަހަރު ވެސް މިކަން ބޮޑުވެފައިވަނީ އިންޑިއާ، ޕާކިސްތާން އަދި ޗައިނާ ހިއްސާކުރާ ހިމާލަޔާ ފަރުބަދަ ޗޭނަށް ޖެހޭ ވައި ރާއްޖެއާ ދިމާލަށް ދަތުރުކުރާތީއެވެ. އެ ވައިގައި ހިމާލަޔާ ސަރަހައްދުގެ ހިރަފުހާއި، އިންޑިއާގެ ފެކްޓްރީތަކުން އަރާ ދުން އެކުލެވޭ ނުސާފުކަން އެކުލެވިގެންވެއެވެ.

ad