logo

ސާހިލްގެ މައްޗަށް 2 ދައުވާއެއް ސާބިތުވެއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

މާލޭގެ ގެއެއްގައި ރަހުމު ކުޑަގޮތަކަށް މާރާލާފައިވާ ޝިޢާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ޢަލީ ޝާހިލްގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެއްޖެއެވެ.

ހ. ޝީރީންވިލާ ގޭގެ ތެރޭގައި، ޏ. ފުވައްމުލަކަށް ނިސްބަތްވާ 22 އަހަރުގެ ޝިއާއު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނީ 2022 ވަނަ އަހަރުގެ އޮގަސްޓް 6 ގައެވެ. ޝިޢާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލާގައި، ތުހުމަތުކުރެވޭ ޢަލީ ޝާހިލް ހައްޔަރު ކުރީ ސީދާ ކުށުގެ ވެށިންނެވެ. އެ މައްސަލައިގައި ޝާހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތައް އޮތީ ސިއްރުކޮށްފައެވެ. މިއަދު ހުކުމް ކުރީ އޭގެ ތެރެއިން ދެ މައްސަލައެކެވެ. ޕީޖީން ބުނީ އޭނާގެ މައްޗަށް ސާބިތުވެފައިވަނީ، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ބޭނުން ކުރުމުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ކަމަށެވެ. މީގެ ތެރެއިން ކެނެބިސް ބޭނުން ކުރުމުގެ ދައުވާގައި ޝާހިލްގެ މައްޗަށް ވަނީ 3 އަހަރުގެ ހުކުމެއް ކޮށްފައެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ މައްސަލަ ސާބިތު ވުމާއި ގުޅިގެން 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އައިސްފައެވެ.

އެ މައްސަލައިގައި ފުލުހުން ކުރިން ބުނި ގޮތުގައި، ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި، ޝިއާއު މަރަށް ހުށަހެޅުނީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ހުކުމް، މި މަހުގެ ތެރޭގައި ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކްރިމިނަލް ކޯޓުންވަނީ ކުރިން ބުނެފައެވެ.

ޝާހިލްގެ މައްޗަށް 5 ދައުވާއެއް ކުރެއެވެ. އޭގެ ތެރެއިން މިހާތަނަށް ހުކުމް ނުކޮށް ހުރި ދައުވާތައް މިމަހުގެ ފަހުކޮޅު ކޯޓުގައި ކުރިއަށްދާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ad