ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ސޮލައިމާން ބޮޔަންއެވެ. މި އެޕްރީލް މަހުގެ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ތަނެއް ބަލައި ފާސްކުރިއިރު 51 ފުޅި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އޭނާ މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


