މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުހެހުމާއި ގުޅިގެން ސަޕްލައި ޗެނެލްތަކަށް ދިމާވެދާނެ ގޮންޖެހުންތައް މޮނީޓާރ ކުރާ ކަމަށާއި، ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓުތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، މެދުކެނޑުމެއްނެތި މުދާ ލިބޭނެކަން ކަށަވަރުކުރުމަށް ޓަކައި ބޭނުންވާނެ އިތުރު މާކެޓުތައް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ރައްޔިތުންނަށް ކާބޯ ތަކެއްޗާއި އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނެ ކަން ކަށަވަރުކުރުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައި ކަމަށެވެ.
މެދުއިރުމަތީގެ މިހާރު ހނގަމުންދާ އަދި ހަލުވިކަމާއި އެކު ބަދަލުކުރަމުންދާ ހަމަލާތަކާއި ގުޅިގެން އިކޮނިމިކް މިނިސްޓްރީންނާއި، ދައުލަތުގެ ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއި އެކު ރާއްޖެ އަށް ކޮށްފާނެ އަސަރުތައް ދިރާސާ ކުރެވެމުންދާ ކަމަށާއި، މިގޮތުން ބައިނަލްއަގްވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުތައް ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކާއެކު ގުޅިގެން ގާތުން ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓްތަކާއި، ރޫޓްތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ އެކަންކުރުމުން އަރައިގަތުމައްޓަކާއި ބޭނުންކުރުމަށް އެހެނިހެން އަލްޓަނޭޓިވް މާކެޓްތައް ހޯދުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ދިވެހި ރައްޔިތުންނަށް ބޭނުވާ އަސާސީ ކާބޯ ތަކެއްޗާއި، އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނ އިންތިޒާމް ހަމަޖެއްސުމަށާއި، އިމްޕޯޓް ކުރުމުގެ ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުވައްސަސާތަކާއި އެކު އަމިއްލަ ވިޔަފާރިތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ބުނެފައެވެ.

