logo

ޑައިވަރުން މަރުވި ހާދިސާގެ ތަހުގީގަށް ބޭނުންވާ ސާމާނު ފުލުހުންނާއި ހަވާލުކޮށްފި

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

ރާއްޖޭގައި ފީނަނިކޮށް އިޓަލީގެ 5 ޑައިވަރުން މަރުވި ހާދިސާގެ ތަހުގީގަށް ބޭނުންވެދާނެ ހެކިތައް ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް އެމީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިޔަ ޑޭން ޔޫރަޕުން ބުނެފިއެވެ.

އެ ގުރޫޕުން ވަނީ އެންމެ ފަހުގެ ޑައިވިންއަށް ފަހު އޮޕަރޭޝަން ނިންމާލާފައިވާކަން ހާމަކޮށްފަ އެވެ. ފަހުގެ ޑައިވިން 50 މިނެޓަށް ކުރިއަށް ގެންދިޔަ އެވެ. މި ޑައިވްގެ ބޭނުމަކީ ހޮހޮޅައިގެ ތެރޭގައި ހަރުކޮށްފައި ހުރި ގައިޑް ލައިންތަކާއި، އޮޕަރޭޝަނުގައި ބޭނުންކުރި ސާމާނު ނަގައި، ހޮހޮޅައިގެ ތެރެ ކުރިން އޮތް ހާލަތަށް ރުޖޫއަކުރުމުގެ މަސައްކަތް ކުރުމެވެ. އަދި ތަޙުޤީޤާ ގުޅުން ހުރި ތަކެތި ނަގައި ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އޭގެ ފަހުން ޑޭން އިން ވަނީ ހޮހޮޅައިގެ ފޮޓޯތަކެއް އާންމުކޮށްފަ އެވެ. އެ ފޮޓޯތަކުގައި ފެންނަނީ ކޭވްގެ ބޭރާއި އެތެރޭގެ ބައެއް މަންޒަރުތަކެވެ. އެ ގުރޫޕުން ބުނީ އެއީ ފުން އަދި އަނދިރި ހޮހޮޅައެއް ކަމަށެވެ.

ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ތިން ގަޑިއިރުގެ އޮޕަރޭޝަނުގައި، ހޮހަޅައިގެ އެންމެ އެތެރޭގައި ތިބި މީހުންގެ ހަށިގަނޑުތައް ވަނީ ނަގާފަ އެވެ.

ހޮހަޅައިގެ ތެރޭގައި ހުރި ހަނި ގޯޅިތަކާއި، ވެލީގެ ސަބަބުން ފެންނަ މިންވަރު ދަށްވުމުގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވީނަމަވެސް ޓީމުން ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކޮށް ހުރިހާ ހަށިގަނޑުތައް ވަނީ ނަގާފަ އެވެ. އަދި އެ ހަށިގަނޑުތައް އިޓަލީއަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ހިތާމަވެރި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މިމަހުގެ 16 ވަނަ ދުވަހު އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ ނިޔާވެފަ އެވެ.

ad