logo

ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ބަޖެޓް ސާޕްލަސްއެއްގައި

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ދައުލަތުގެ އާމްދަނީއަށް 4.4 އިންސައްތައިގެ ކުރިއެރުން ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުން މިމަހުގެ 19ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 9.4 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 9.0 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 4.4 އިންސައްތައިގެ ކުރިއެރުމެއްކަމަށް މާލީ ވުޒާރާގެ ރިޕޯޓުން ދައްކައެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމެވެ. ޓެކްސް އާމްދަނީ ވަނީ 12.8 އިންސައްތަ އިތުރުވެ، 7.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 82 އިންސައްތައެވެ.

ރިޕޯޓުގައިވާ ގޮތުން އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. މިގޮތުން ޖީއެސްޓީގެ ގޮތުގައި 4.0 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 10.8 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ) ގެ ގޮތުގައި ލިބުނު 2.9 ބިލިއަން ރުފިޔާ އާއި، އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު 1.1 ބިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 24.8 އިންސައްތަ އިތުރުވެ، 2.2 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ޓެކްސްގެ އެހެނިހެން ދާއިރާތަކުން ލިބުނު އާމްދަނީއަށް ބަލާއިރު، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ، އަދި ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުން ނަގާ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި 426.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ގްރީން ޓެކްސްގެ ގޮތުގައި 497.3 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 427.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، 19 މާރިޗު 2026 ގެ ނިޔަލަށް ޖުމްލަ ހަރަދު ހުރީ 7.3 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.3 އިންސައްތައިގެ ދަށްވުމެކެވެ. ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް ހަރަދު 10.5 އިންސައްތަ ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 7.8 އިންސައްތަ ދަށްވެފައެވެ.

ނަމަވެސް، ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ހަމަހަމަކުރުމަށް ނޮވެމްބަރ 2025ގައި އަމަލުކުރުމަށް ފެށި ސިޔާސަތާއިއެކު، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު ވަނީ 3.0 އިންސައްތަ އިތުރުވެ، 2.7 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މި ރިޕޯޓުން ދައްކާ ގޮތުގައި ދައުލަތުގެ މާލީ ހާލަތު ވަނީ ބޮޑުތަނުން ރަނގަޅުވެފައެވެ. ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ހުރީ 2.1 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 140.7 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)އަށް ޖަމާކުރި ފައިސާ ވެސް ވަނީ 8.6 އިންސައްތަ އިތުރުވެފައެވެ. އަދި ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓްގެ މިންވަރު ވެސް ވަނީ 18.0 އިންސައްތަ އިތުރުވެފައެވެ.

ad