ބޮޑުތަކުރުފާނު މަގު މަރާމާތު ކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށާތީ މަސައްކަތް ކުރިއަށްދާއިރު ބަންދުކުރާނެ ސަރަހައްދުތައް މާލެ ސިޓީ ކައުންސިލުން އާންމުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭ އުތުރު ފަރާތު ހެންވޭރު ފެރީ ޓާމިނަލް އިން ފެށިގެން އިއްޒުއްދީން ފާލަން ހިމެނޭ ގޮތަށް މާލޭ ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ތާވަލް ކޮށްފައިވާ ކަމަށެވެ.
މި މަސައްކަތަށް ހެންވޭރު ޓާމިނަލް އިން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް ހިމެނޭ ސަރަހައްދު މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން މަސައްކަތް ނިންމާ ސަރަހައްދު ހުޅުވެންދެން ބަންދުވާނެ އެވެ.
މަސްވެރިންގެ ޕާކުން ފެށިގެން 05 ނަމްބަރު ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން އަދި ފަސް ނަމްބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު އެޕްރީލް 17 ވަނަ ދުވަހުން ފެށިގެން މަސައްކަތް ނިންމާ ސަރަހައްދު ހުޅުވެންދެން ބަންދުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.
އެހެންވެ މިއަދުން ފެށިގެން މަގު ފުޅާ ކުރުމުގެ މަސައްކަތްތައް ނިމި އާންމުކޮށް ސަރަހައްދު ހުޅުވަންދެން މި ސަރަހައްދުގެ އެއްގަމުތޮއްޓާއި ހުރަސްތޮށީގައި އެއްވެސް އުޅަނދެއް މަޑުކޮށްގެން އޮތުމާއި ދާއިމީކޮށް އަޅާފައި ނުބޭއްވުމަށް ވަނީ އަންގާފަ އެވެ.

