ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި ތަރައްގީކުރާ އެފޯޑަބްލް ހައުސިން މަޝްރޫއުގެ ދަށުން 1،224 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފިއެވެ.
ހުޅުމާލޭގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.
މި މަޝްރޫއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގެ މަގުސަދުތައް ހާސިލްކުރުމަށް ބީއެމްއެލް އިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން" ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި 1،224 ޔުނިޓް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ހެޔޮ އަގުގައި ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ މި މަޝްރޫއު 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމައި ހަވާލުކުރެވޭނެ ކަމަށެވެ. އަދި ސީއެމްއީސީއަކީ މިފަދަ މަޝްރޫއުތަކުގެ ތަޖުރިބާ ހުރި ކުންފުންޏަކަށް ވުމުން، މަސައްކަތް ފެންވަރު ރަނގަޅުކޮށް ވަގުތަށް ނިންމާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ. ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިފްތިތާހުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާ އަވަހަށް ފެށިގެން ދިޔައީ ރައީސް މުއިއްޒުގެ އިރުޝާދާއި ވަރުގަދަ ލީޑަޝިޕްގެ ސަބަބުންނެވެ. ސަރުކާރުގެ ތަސައްވަރު އެކްޝަނަށް ބަދަލުވެގެން ދިއުމަކީ ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވިއެވެ.
ބީއެމްއެލްގެ މި ބޮޑު މަޝްރޫއުގެ ދަށުން ޖުމްލަ 3،260 ފްލެޓު އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޗައިނާގެ ސީއެމްއީސީއަކީ ރާއްޖޭގައި ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތްކޮށް، ހަރުދަނާ ޓްރެކް ރެކޯޑެއް ގާއިމުކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން ވިނަރެސް ހައުސިން ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައި، މިހާރު ދަނީ ގުޅީފަޅާއި ހުޅުމާލޭ ފޭސް 2ގެ އިންފްރަރސްޓްރަކްޗާ މަސައްކަތް ކުރަމުންނެވެ.
ބީއެމްއެލްގެ ހައުސިން ޕްރޮޖެކްޓްތައް ހިންގާނީ މި ދާއިރާގައި ފާހަގަކުރެވޭ ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ކުންފުނިތަކުންނެވެ. އެގޮތުން ސީއެމްއީސީގެ އިތުރުން މި މަޝްރޫއުގެ ފްލެޓްތައް އިމާރަތްކުރާ ކުންފުނިތަކަކީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)، އަދި ރާއްޖޭގެ ކުންފުނިތައް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއެވެ.
ބީއެމްއެލް އާއި އެ ބޭންކުގެ ސަބްސިޑަރީ ކުންފުނިން އަންނަނީ ގައުމީ ބޯހިޔާވަހިކަމުގެ އިސްކަންދޭ ކަންކަމަށް އެއްބާރުލުން ދިނުމަށާއި، އެންމެންނަށް ބައިވެރިވެވޭ އަދި ހަރުދަނާ މާލީ ނިޒާމެއް ގާއިމުކުރުމަށް އެމްއެމްއޭ އިން ގެންގުޅޭ ތަސައްވަރާ އެއްގޮތަށް، ހެޔޮ އަގެއްގައި އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އިތުރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކޮށްދެމުންނެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ހައުސިން ޔުނިޓްތައް އާންމުންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ "ލީސް-ޓު-އޯން" ނުވަތަ ކުލި ދައްކައި ހަލާސްކުރުމުން މިލްކުވާ މޮޑެލްގެ ދަށުންނެވެ. މިއީ ހައުސިން މިނިސްޓްރީގެ އެހީތެރިކަމާ އެކު ކުރިއަށްގެންދާ މަސައްކަތެކެވެ.

