މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވާ މަސްދަޅު ކޭސްތައް ދޫކުރާ މަރުކަޒުތަކަށް ބަދަލެއް ގެނެސްފިއެވެ.
މިގެނައި ބަދަލާއިއެކު މީގެ ކުރިން ހެންވޭރު ދަނޑުގައި ގާއިމްކޮށްފައިވާ މަރުކަޒުން ދޫކުރަމުންދިޔަ މަސްދަޅު ކޭސްތައް ދެން ދޫކުރާނީ ގަލޮޅު ދަނޑުންނެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނީ މި ބަދަލަށް އަމަލުކުރަން ފަށާނީ މިރެއިން ފެށިގެންނެވެ. އެހެންކަމުން، މިރެއިން ފެށިގެން ހެންވޭރު ދަނޑުގެ ބަދަލުގައި ރޯދާ ހަދިޔާގެ މަސްދަޅު ކޭސް ދޫކުރުމުގެ އިންތިޒާމުތައް ކުރިއަށްދާނީ ގަލޮޅު ދަނޑުގައެވެ.
ރަދަމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ) ގެ ގޭބިސީތަކަށް މިހާތަނަށް 35،132 އަށްވުރެ ގިނަ މަސްދަޅު ކޭސް، ދޫކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމްލަ 118,773 މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭގެ 61,755 ގޭބީސީއަކާއި، އަތޮޅުތެރޭގެ 56,918 ގޭބީސީއެވެ. މާލެ ސަރަހައްދުގައި މި ތަކެތި ބަހަން ފަށާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 24 ވީ ހޮނިހިރު ދުވަހުގައެވެ.
މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަމުން ގެންދަނީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަވާނެ މަގުންނެވެ. ފާއިތުވި ދެ އަހަރުގެ ތަޖުރިބާއަށް ބިނާކޮށް، މިއަހަރުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށްފައިވާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މަސްދަޅު ކޭސް ބަލައި ދިއުމަށްޓަކައި "ރޯދަ ހަދިޔާ" ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމާއި، ޓޯކަން ނެގުމުގެ ނިޒާމެއް ވަނީ ތައާރަފްކޮށްފައެވެ.
ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ގޭބީސީތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް މާލެ ސަރަޙައްދުގައި ފަށާފައިވާއިރު، ކޮންމެ ރެއަކު 8:30 އިން ފެށިގެން 11:00އަށް މަސް ދަޅު ކޭސް ދޫކުރާނެއެވެ.
