logo

ރަމަޟާންމަހުގެ ފަހު ފަނަރައިގައި އުމްރާއަށް ދިއުމަށް އިތުރު ފުރުސަތުތަކެއް

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

މި ފެށޭ ރަމަޟާންމަހުގެ ފަހު ފަނަރައިގައި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިއަދު ހުޅުވާލައިފިއެވެ.

މި ފުރުޞަތު ހުޅުވާލާފައިވަނީ ރަމަޟާންމަހަކީ އަޅުކަމުގެ މަހަކަށްވެފައި، ޢުމްރާގެ އަޅުކަން އަދާކުރުމަށް ގިނަ ބަޔަކު އެދެމުންދާތީއެވެ. ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، އަހަރުގެ ޙައްޖު ދުވަސްތައް ފިޔަވައި އެހެން ހުރިހާ ދުވަސްވަރެއްގައިވެސް ޢުމްރާއަށް ދިއުމުގެ ފުރުޞަތު އޮވެއެވެ. ނަމަވެސް ރަމަޟާން މަހާއި ސްކޫލް ބަންދު ދުވަސްވަރަކީ ޢުމްރާއަށް ދިއުމަށް ވަރަށް ބޮޑު ޑިމާންޑެއް އޮންނަ ދުވަސްތަކެއްކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

މިއަހަރުގެ ރަމަޟާންމަހުގެ މުޅި މަހުގެ ޢުމްރާ އަދި ފަހު ފަނަރައިގެ ޢުމްރާއަށް ދިއުމަށް ގިނަ ބަޔަކު އެދެމުންދާތީ، ޙައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ފަހު 15 އިގެ ޢުމްރާއަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ރަސްމީކޮށް ހުޅުވާލާފައެވެ. މި ފުރުސަތު ދިނުމަށް ނިންމާފައިވަނީ ވީ އެންމެ އަވަހަށް ރަޖިސްޓްރީވެ ފައިސާ ދައްކާ ފަރާތްތަކުގެ ތަރުތީބުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ޢުމްރާއަށް ދިއުމަށް އެދޭ ފަރާތްތަކަށް ޙައްޖު ކޯޕަރޭޝަންގެ ވެބްސައިޓް ކަމަށްވާ ހައްޖު.އެމްވީ ގައިވާ "ފަހެލި" ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި ޢުމްރާއަށް ދިއުމަށް އެ ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ. އަދި ޙައްޖު ކޯޕަރޭޝަންގެ ކައުންޓަރުންވެސް ފައިސާ ބަލައިގަންނާނެއެވެ.

ad