logo

ކެރެޓުގެ އަގުބޮޑުވާން ދިމާވި މައްސަލަ ހައްލުކުރެވިއްޖެ: މިނިސްޓަރ މުޙައްމަދު ސަޢީދު

މަރްޔަމް
4 ގަޑިއިރު ކުރިން
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު

ބާޒާރުގައި ކެރެޓުގެ އަގު މައްޗަށް ދިޔައީ ސަޕްލައިއަށް ދިމާވި ދަތިކަމެއްގެ ސަބަބުން ކަމަށާއި، އެ މައްސަލަ މިހާރު ހައްލުވަމުންދާ ކަމަށް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ބާޒާރުގައި ކެރެޓް ކިލޯއެއްގެ އަގު 120 ރުފިޔާއަށް މިފަހުން އެރިއިރު، މިއީ މިފަހުގެ ތާރީހެއްގައިވެސް ކެރެޓްގެ އަގު މިހާ މައްޗަށްދިޔަ ފުރަތަމަ ފަހަރެވެ. އާންމު ގޮތެއްގައި މާލޭ ބާޒާރުގައި ކެރެޓް ކިލޯއެއް އެންމެ ބޮޑުވެގެންވެސް 25 ރުފިޔާ އާއި 35 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައި ލިބެން ހުރެ އެވެ.

ވިޔަފާރިވެރިން ބުނީ ކެރެޓްގެ އަގު މައްޗަށް ދިޔައީ ދުނިޔޭގެ ބާޒާރުގައި ކެރެޓް ސަޕްލައިކުރަން ދަތިވެ، ދަތުރުފަތުރުގެ އަގުތަކުން ތެލުގެ އަގުތައް ބޮޑުވުން ލޮޖިސްޓިކްސްއަށް އައި ބަދަލުތަކާއި، ތަރުކާރީ ގަތުމަށް،ޑޮލަރު ހޯދަންވެސް އުނދަގޫވުމުން ކަމަށެވެ.

ބާޒާރުގައި ކެރެޓު ކިލޯއެއްގެ އަގު 170 އަށް ވިއްކަމުން ދިއުމާ ގުޅިގެން މިނިސްޓަރު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބާޒާރުގައި އެ އަގުގައި ވިއްކަމުންދިޔަ ނަމަވެސް، އެސްޓީއޯއިން ކެރެޓު ކިލޯއެއް ވިއްކަނީ 40 ރުފިޔާއަށް ކަމަށެވެ.

ކެރެޓުގެ އަގާ ގުޅޭގޮތުން ސަޢީދު ވިދާޅުވީ، މައްސަލަ ބެއްލެވުމުން ސަޕްލައި ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަން އެގިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެ ޝޯޓޭޖުގެ ތެރޭގައިވެސް އެސްޓީއޯއިން ކިލޯއެއް 40 ރުފިޔާއަށް ވިއްކަމުންގެންދިޔަކަން މިނިސްޓަރ ސަޢީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސަޕްލައި މައްސަލަ ދިމާވި އަމިއްލަ ކުންފުނިތަކުގެ މުދާވެސް މިހާރު ޕޯޓުން ކްލިއަރ ކުރެވިފައިވާ ކަމަށް ބެލިބެލުމުން އެނގިވަޑައިގެންފައިވާކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. އެހެންކަމުން، ބާޒާރުގައި ދެން ކެރެޓް އަގުބޮޑުކޮށް ނުވިއްކަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅު ވަމުން މިނިސްޓަރު ސައީދު އިތުރަށް ހާމަކުރެއްވި ގޮތުގައި، ބާޒާރުގެ ޑިމާންޑާ އެއްވަރަށް ތަކެތި ފޯރުކޮށްދިނުމަށް ޓަކައި، މި ވަގުތުވެސް އެސްޓީއޯއިން އިތުރު ކެރެޓް ކޮންޓެއިނަރުތައް ކްލިއަރ ކުރުމުގެ މަސައްކަތް ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.

އެސްޓީއޯގެ އޮފިޝަލުން ވިދާޅުވީ، އަސާސީ ކާބޯތަކެތީގެ ޝޯޓޭޖެއް ނެތް ކަމަށާއި މިވަގުތު ވެސް އެކަށީގެންވާ މިންވަރަށް ސްޓޮކް އެބަހުރި ކަމަށެވެ.

ބާޒާރުގައި މުދަލުގެ އަގު ބޮޑުވިޔަނުދިނުމުގެ ގޮތުން އެސްޓީއޯއިން އަންނަނީ ސަރުކާރުން ކަނޑައަޅާފައިވާ އަސާސީ ކާނާގެ ލިސްޓުގައި ހިމެނޭ ބާވަތްތައް ގަނެ ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ މަސައްކަތް ފުޅާކޮށް ރަށްރަށުގައި ހުރި އެސްޓީއޯ ފިހާރަތަކުގެ އިތުރަށް އެ ކުންފުނީގެ އެޖެންޓުން މެދުވެރިކޮށް އަތޮޅު ތެރޭގެ ރަށްތަކުން ވެސް މިބާވަތްތައް ހެޔޮ އަގުގައި ވިއްކުމަށް އެސްޓީއޯއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ad