ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔަރ ކުރައްވާތީ އެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް މަޖިލީހަށް އޭނާގެ ނަން ފޮނުވައިފިއެވެ.
އޭނާގެ ނަން މަޖިލީހަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އޭނާ އެ މަގާމަށް އައްޔަނުކުރުމާމެދު ގޮތެއް ނިންމާނީ މަޖިލީހުންނެވެ.
ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައި ހުންނެވުމަށްފަހު ސަމީރު އެ މަޤާމުން އިސްތިއުފާ ދެއްވީ އެޕްރީލް 2022ގައެވެ. އެެއަށްފަހު އޮކްޓޯބަރު 2024، އާ ހަމައަށް އޭނާ ހުންނެވީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައެވެ.
ސަމީރު ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕަރޭޓިވް ލޯގެ ދާއިރާއިން މާސްޓާސް ޑިގްރީ ވެސް ހާސިލުކުރައްވާފައެވެ.
އޭނާ އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖިނާއީ ކޯޓުގެ ސެކްރެޓެރީ ކަމާއި، މަދަނީ ކޯޓުގެ ސީނިއާ އެޑްމިން އޮފިސަރު ކަމާއި، މަދަނީ ކޯޓުގެ ގާޒީ ކަމާއި، މަދަނީ ކޯޓުގެ އިސް ގާޒީ ކަމާއި، ސިވިލް ކޯޓުގެ އިސް ގާޒީކަން ހިމެނެ އެވެ.

