logo

ވައުދުތައް ފުއްދައި ޕާޓީގެ އަސާސްތައް ހިފަހައްޓަން ޣައްސާން ގޮވާލައްވައިފި

މަރްޔަމް
12 ގަޑިއިރު ކުރިން
ކުރީގެ ޑިފެންސްމިނިސްޓަރ ޣައްސާން މައުމޫން

ކުރީގެ ޑިފެންސްމިނިސްޓަރ ޣައްސާން މައުމޫން

ޕީއެންސީން ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގެ މަސައްކަތް ހަލުވިކޮށް، ޕާޓީގެ އަސާސްތައް އިސްކުރުމަށް ޕާޓީގެ ލީޑަރޝިޕަށް ޕީއެންސީގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ކުރީގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.

މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ޕީއެންސީގެ އިސް ބޭފުޅުންނާއި ވަޒީރުން ރައީސް މުއިއްޒުގެ ލީޑަރޝިޕަށް ތައުރީފު ކުރައްވައި މެސެޖުތައް ފޮނުއްވަމުން ގެންދަވާ ދަނޑިވަޅެއްގައި، ޣައްސާން އިއްޔެ ކުރެއްވި ޕޯސްޓުގައި ތަހުނިޔާ ވިދާޅުވީ ވެސް ވަކި ބޭފުޅެއްގެ ނަން ފާހަގަނުކުރައްވައި "ޕީއެންސީގެ ސަރުކާރަށް" ނިސްބަތްކުރައްވައެވެ.

ޣައްސާންގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ، 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވި އެކެއްގެ ހައިސިއްޔަތުން، އެ ދުވަހު ރައްޔިތުން "މި ފިކުރަށް" ކުރެއްވި އިތުބާރަށާއި ދެއްވި ވޯޓަށް މިއަދު ވެސް ޝުކުރު ދަންނަވާ ކަމަށެވެ.

ސަރުކާރުގެ ވައުދުތައް ފުއްދުމާ މެދު އާންމުންގެ މެދުގައި ސުވާލުތަކާއި ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި، ޣައްސާން ވަނީ ކެމްޕޭން ދުވަސްވަރު ވީ ވައުދުތައް ހަނދާންކޮށްދެއްވައި، އެ މަސައްކަތްތައް އަވަސްކުރުމަށް ބާރުއަޅުއްވާފައެވެ.

މި ވަގުތަކީ، އެ ދުވަސް ހަނދާނަށް ގެންނަންވީ ވަގުތުކަމަށާއި އެ ދުވަހު ރާއްޖޭގެ އުތުރުން ދެކުނަށް، އިރުން ހުޅަނގަށް، އެންމެހައި ރައްޔިތުންނަށް ވީ ވައުދުތައް، ރަނުންރަނަށް ފުއްދުމުގެ މަސައްކަތް ހަލުވި ކުރަންވީ ވަގުތުކަމަށް ޣައްސާން ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން، ޕާޓީގެ ގައުމީވަންތަ އަސާސްތަކާއި ވައުދު ފުއްދުމުގެ ފަލްސަފާ އަދިވެސް އިސްކުރައްވައި، ދިވެހި ލޮބުވެތި ރައްޔިތުންގެ މެދުގައި މި ފިކުރަށް އޮންނަ އިތުބާރު ދަމަހައްޓަވައިދެއްވުމަށް ޕާޓީގެ ލީޑަރޝިޕަށް އިލްތިމާސްކުރައްވާކަމަށް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ޑިފެންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހު ރައީސް މުއިއްޒުގެ އެންގެވުމަށް ގިނަ އަދަދެއްގެ މިނިސްޓަރުން އެއް ފަހަރާ އިސްތިއުފާ ދެއްވި ދަނޑިވަޅުގައެވެ. އެއަށް ފަހު ސަރުކާރު އަދި ޕީއެންސީގެ ހަރަކާތްތަކުން ޣައްސާނު ފެނިފައެއް ނުވެއެވެ.

ad