logo

ޝާހިދާއި ޒިފްލީންގެ ކައިވެންޏެއް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައި ނެތް

މަރްޔަމް
4 ގަޑިއިރު ކުރިން

ޝާހިދާއި ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން (ޒިފްލީން) ކައިވެނި ކުރައްވާފައިވާ ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް އެ ދެ ބޭފުޅުންގެ ކައިވެންޏެއް ރާއްޖޭގެ ފެމިލީ ކޯޓުގައި ރަޖިސްޓަރީ ކޮށްފައި ނެތްކަމަށް މީޑިއަތަކުން ރިޕޯޓްކޮށްފިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޢަބްދުﷲ ޝާހިދު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މި މަހުގެ ދެވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައެވެ. އޭނާ މިހާރު ހުރީ ކްރިމިނަލް ކޯޓުން ނެރެފައިވާ 30 ދުވަހުގެ ބަންދު އަމުރެއްގެ ދަށުން ޖަލުގައި ބަންދުކޮށްފައެވެ.

އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އިއްޔެ ކަނޑައެޅީ އަމުރު ދަމަހައްޓާށެވެ. ސިއްރުން ބޭއްވި އެ ޝަރީއަތުގެ ހުކުމުން ބައެއް މައުލޫމާތުތައް އުނިކުރުމަށް ފަހު، މިރޭ ހައި ކޯޓުން ވަނީ ހުކުމް އާންމުކޮށްފަ އެވެ.

އެ ހުކުމް އާންމުކޮށްފައިވަނިކޮށް، ޝާހިދުގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ އަނިޔާ ލިބުނު ފަރާތުގެ ބަހެއް ނެތި މިފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކުރުމަކީ މީގެ ކުރިން އެއްވެސް އިރެއްފައި އަދުލުގެ ނިޒާމުގައި އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން ޝާހިދު ބަންދުކުރަން އަމުރު ނެރުނީ ވެސް ކުއްޖާގެ ބަހެއް ތަހުގީގަށް ހޯދުނުކަން ކަށަވަރު ނުކުރެވޭ ހާލަތުގައި ކަމަށް ބަޔާނުގައިވެ އެވެ.

ކުއްޖާގެ ބަޔާން ނެތް ކަން ހައި ކޯޓުގައި ވެސް ޝާހިދުގެ ފަރާތުން ފާހަގަކުރި އެވެ. ފުލުހުންގެ އަތުގައި އޮތީ އަނިޔާ ލިބުނު ކުއްޖާ އެ ވާހަކަތައް ކިޔައިދިން މީހާގެ ބަޔާނެކެވެ.

"ޝާހިދު ހައްޔަރުކޮށް އޭނާގެ ބަންދު ދަމަހައްޓާފައި ވަނީ ކުއްޖެއްގެ ޝަކުވާއެއް ތަހުގީގަށް އެހައިތަނަށް ވެސް ހޯދުމެއް ނެތި،" ބަޔާނުގައިވެ އެވެ

ވަކީލުން ބުނީ ގާނޫނުން އިންތިހާއަށް ހިމާޔަތާއި ރައްކާތެރިކަން ލިބިދީފައިވާ ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބި މި ބާވަތުގެ މައްސަލަތައް ބެލުމަށް ގާނޫނުން މަތިވެފައިވާ މުއައްސަސާތަކުގެ އިތުބާރު ގެއްލޭ ފަދަ ކަންކަން މި މައްސަލައިގެ ތެރެއިން ހިނގަމުންދާތީ ނުހަނު ކަންބޮޑުވާ ކަމަށެވެ.

އެގޮތުން ޝާހިދު ހައްޔަރުކުރުމުގެ ކުރިން ނޫސްވެރިންނަށް އަންގައި، އޭނާގެ ގޭދޮށަށް ނޫސްވެރިން ގެންދިއުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކުރުމުގެ ވަގުތުތަކެއް ކުރިން ހައްޔަރުކޮށްފި ކަމަށް ރަޖިސްޓްރީކޮށްގެން ހިންގާ ނޫހަކުން ސުރުހީ ޖަހާފައިވާކަން ވަކީލުން ފާހަގަކުރި އެވެ.

އެހެންވެ، މިއީ ޖިނާއީ ތަހުގީގަކަށް ވުރެ ސިޔާސީ ފަލީހަތް ކުރުމެއްގެ ސިފަޖެހިފައިވާ ކަމެއްކަން ކަށަވަރުކޮށްދޭ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.

ތުހުމަތުގެ ބާވަތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި މައްސަލައާ ގުޅޭ އެންމެހާ ލިޔެކިޔުމެއް ސިއްރުކުރުން ގާނޫނުން ލާޒިމްކުރި ނަމަވެސް، މައްސަލައާ ގުޅޭ އެތައް މައުލޫމާތުތަކެއް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި އާންމުވެފައިވާ ކަން ވަކީލުން ފާހަގަކުރި އެވެ.

"މިއީ ކަމާގުޅުން ހުރި މުއައްސަސާތަކުގެ އިތުބާރު ކިލަނބުވުމުގެ އިތުރުން، މިކަމުގައި ސިޔާސީ ކުލަ ޖެހިފައިވާކަން ހާމަކޮށްދޭ ކަމެއް،" ބަޔާނުގައިވެ އެވެ.

ވަކީލުންގެ ބަޔާނުގައި ބުނީ ހަގީގަތް ހާމަވެގެންދިއުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ދެކޭތީ ތަހުގީގަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ޝާހިދު ދެއްވަމުން ގެންދަވާ ކަމަށެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ އަސާސެއް ނެތް ތުހުމަތެއް ކަމާއި އެކަމުގެ ހަގީގަތް ހާމަވެ އެ ތުހުމަތުތައް އުފަންވެގެން އައި ދިމާލަކާ އިންސާފު އަރާ ހަމަކުރާނެ ކަމުގެ ޔަގީންކަން ޝާހިދަށް އޮތް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ

މި މައްސަލައިގައި ދަށު ކޯޓުން ނެރެފައިވާ އަމުރުގައި ޝާހިދުގެ މައްޗަށް ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް އުފެދޭ މިންވަރަށް ހެކި ހުރިކަމަށް ބަޔާން ކޮށްފައިވެ އެވެ. ނަމަވެސް، ޝާހިދުގެ ފަރާތުން އިސްތިއުނާފުކުރި ނުކުތާގައި ބުނެފައިވަނީ އޭނާ ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ގޯސް ހެކިތަކަށް ރިއާޔަތްކޮށްގެން ކަމަށެވެ.

ނަމަވެސް، ހައި ކޯޓުގެ ހުކުމްގައި ބުނީ މައްސަލައާ ގުޅިގެން ދަށު ކޯޓަށް ހުށަހެޅި ލިޔުންތަކާއި ބަޔާންތަކުން ޝާހިދުގެ މައްޗަށް ކުށުގެ ތުހުމަތެއް ކުރެވޭ ސަބަބުތަކެއް ހުރިކަމަށް ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށް ބެލެވޭނެ ހާލަތެއް ނެތް ކަމަށެވެ. އެހެންވެ ހައި ކޯޓުން ކަނޑައެޅީ ޝާހިދު ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ.

ހައި ކޯޓުގެ ޝަރީއަތުގައި ޝާހިދުގެ ފަރާތުން އިއްޔެ ބުނީ، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ދައުލަތުން ތުހުމަތުކުރާއިރު، އޭނާގެ ދޮންދަރިއެއް ނުހުންނަ ކަމަށެވެ. ނަމަވެސް ޝާހިދަށް އެ ކުއްޖާ މުހާތަބު ކުރަނީ "ބައްޕި" ގެ ނަމުންނެވެ.

އެ އަމުރު އިސްތިއުނާފުކުރަން ޝާހިދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި އޭނާގެ ބަހުސަކީ ކުއްޖާއަކީ އޭނާގެ ދޮންދަރިއެއް ނޫން ކަމެވެ. އަދި ކުއްޖާއަކީ އޭނާގެ ދޮންދަރިއެއްކަން ބަޔާންކޮށް، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތުހުމަތު ފޯމުގައި ބަޔާން ކޮށްފައި އޮތީ ގާނޫނާ ހިލާފަށް ކަމަށް ޝާހިދުގެ ފަރާތުން ކޯޓުގައި ފާހަގަކުރި އެވެ.

ނަމަވެސް ހައި ކޯޓުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފާހަގަކުރީ މައްސަލައާ އެކު ހުށަހެޅި ބަޔާންތަކުން ކުއްޖާ ޝާހިދާ މުހާތަބުކުރަނީ 'ބައްޕި' ގެ ގޮތުގައި ކަމާއި ޝާހިދަކީ ކުއްޖާގެ ދޮންބައްޕަކަމަށް ކުއްޖާ ގަބޫލުކުރާކަން އެނގޭ ކަމަށް ބެލެވޭ ކަންތައްތަކެއް ހުރި ކަމަށެވެ.

. .

ad