ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ނިންމުން ވޯޓު ދެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 55 މެންބަރުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ސަމީރު އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އޭނާގެ ނަންފުޅު ފޮނުއްވީ މި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ މި ނަންފުޅު މަޖިލީހަށް ފޮނުއްވީ، އެ މަގާމަށް ސަމީރު އައްޔަންކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެއްވި ލަފާގެ މަތިންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މަގާމެއް ހުސްވީ، އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވަން ނިންމެވުމާ ގުޅިގެންނެވެ. އެ ހުސްވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން އާންމުކޮށް ހުޅުވާލުމުން، ކުރިމަތިލެއްވީ އަލީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. އަދި ޖޭއެސްސީން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އިންޓަވިއުއާއި ވަނަވަރަށް ބެލުމަށްފަހު، އެންމެ ގާބިލު ބޭފުޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއަށް ނަން ފޮނުއްވީ އަލީ ސަމީރުގެ ނަންފުޅެވެ.
ރައްޔިތުންގެ މަޖިލީހުން އަލީ ސަމީރު އައްޔަންކުރުމަށް މިއަދު ފާސްކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އޭނާ މަގާމަށް އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު ވަރަށް އަވަހަށް އަރުވާނެއެވެ.

