logo

އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީގެ ބޯޑަށް ބޭފުޅަކު އައްޔަންކޮށްފި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސްގެ މެންބަރުކަމުގެ މަޤާމަށް، މަރްޔަމް ނަޒުލީނާ މިއަދު އައްޔަންކޮށްފިއެވެ.

ނަޒުލީނާއަކީ ފައިނޭންސް އަދި ޕަބްލިކް ސެކްޓަރ އެކައުންޓިންގ ދާއިރާގެ ފަންނީ ބޭފުޅެކެވެ.

މަރްޔަމް ނަޒުލީނާއަކީ ފައިނޭންޝަލް ރިޕޯޓިންގ، ދައުލަތުގެ މާލީ ނިޒާމު އަދި އިންޓަގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމްތަކުގެ ދާއިރާއިން 15 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ ސީނިއަރ (އައިއެފްއެމްއައިއެސް) ފައިނޭންސް ސްޕެޝަލިސްޓްގެ މަގާމެވެ.

ނަޒުލީނާ ވަނީ ސެޕް ސިސްޓަމް ގާއިމުކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި 13 އަހަރަށްވުރެ ގިނަ ދުވަހުގެ އަމަލީ ތަޖުރިބާ ހޯއްދަވާފައެވެ. މިގޮތުން ސެޕް އެފް.އައި ބޭނުންކުރާ 200 އަށްވުރެ ގިނަ މުވައްޒަފުން އޭނާ ވަނީ ތަމްރީނު ކުރައްވާފައެވެ. މީގެ އިތުރުން، ފައިނޭންޝަލް ރިޕޯޓިންގ ޓީމުތައް އިސްވެ ބަލަހައްޓަވައި، ދައުލަތުގެ އިންވެސްޓްމަންޓްތައް މޮނިޓަރ ކުރުމުގެ މަސައްކަތްތަކުގައާއި، (އައިޕީއެސްއޭއެސް) އަދި އެކްރޫއަލް އެކައުންޓިންގ އިސްލާހީ މަސައްކަތްތަކުގައި އޭނާ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.

ނަޒުލީނާ ވަނީ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައެވެ. އަދި މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން ބެޗްލަރ އޮފް ކޮމާސް ފުރިހަމަކުރައްވާފައިވެއެވެ.

އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑަކީ ދިވެހިރާއްޖޭގެ އާރބަން އަދި ރޫރަލް ސަރަހައްދުތަކުގެ ޢުމްރާނީ ތަރައްޤީ ފުޅާކުރުމަށްޓަކައި މިދިޔަ އަހަރުގެ މެއި މަހު އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގައު އެޅުމާއި ކާސްޓިންގގެ މަސައްކަތްތައް ރާއްޖޭގައި ފުޅާކުރުމެވެ.

ad