ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި، މަހާޒް ޢަލީ ޒާހިރު އަދި ޙުސްނުއްސުޢޫދު މަގާމުން ސަސްޕެންޑުކޮށް، ފަހުން އޭގެ ތެރެއިން ދެ ފަނޑިޔާރުން މަގާމުން ވަކިކުރީ ޖިނާއީ އެއްވެސް ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ހާލަތެއްގައި ކަމަށް ބުނެ، އެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ.
މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި ގަރާރުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މި މައްސަލައަކީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިގެން ތަހުގީގުކުރި މައްސަލައެކެވެ. ނަމަވެސް، ފުލުހުންގެ ތަހުގީގަށް ލިބިފައިވާ އެންމެހައި ހެއްކާއި ގަރީނާތަކަށް ބެލިއިރު، އެ ތިން ފަނޑިޔާރުން ވެސް އެއްވެސް ޖިނާއީ ކުށެއް ކުރައްވާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ވަނީ ނިންމާފައެވެ. އަދި އެ ސަބަބަށްޓަކައި ފުލުހުން އެ މައްސަލަ ފައިލްކޮށް، އެ ބޭފުޅުންގެ މައްޗަށް ދައުވާނުކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވެސް ވަނީ ނިންމަވާފައެވެ.
ގަރާރުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ޖިނާއީ ކުށެއްގެ ތުހުމަތު ސާބިތުނުވެ މައްސަލަ ފައިލްކޮށްފައި ވަނިކޮށް، އަޒްމިރާލްދާއާއި މަހާޒް އަދި ސުޢޫދު މަގާމުން ވަކިކުރުމަށް ނިންމި ނިންމުމަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއްކަން ވަރަށް ސާފުކޮށް ހާމަވާ ކަމަށެވެ.
ހަމައެކަނި ކުރެވުނު ތުހުމަތެއްގެ މައްޗަށް ބިނާކޮށް، ޖިނާއީ ކުށެއް ހިނގާފައި ނެތްކަން ތަހުގީގީ އިދާރާތަކަށް ސާފުވެފައިވާ ހާލަތެއްގައި ފަނޑިޔާރުން ވަކިކުރުމަކީ ޝަރުއީ ދާއިރާގެ މިނިވަންކަމަށް އުނިކަން އަންނާނެ ކަމެއް ކަމަށް ވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ގާނޫނުއަސާސީއާއި ގާނޫނުތަކާ ޚިލާފަށް އެފަދަ ފިޔަވަޅެއް އެޅި މައްސަލައިގައި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
މެންބަރު ވިދާޅުވީ، މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މި ނިންމުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށާއި، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމުގެ މަގުސަދުގައި ކަމަށެވެ.
ސްޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ވަކިކުރި މައްސަލައިގައި ޖޭ އެސްސީ ޖަވާބުދާރީ ކުރުވުމަށް ޤަރާރެއް ހުށައަޅައިފި
މަރްޔަމް
13 ގަޑިއިރު ކުރިން

