logo

ސްކޭމްގެ މައްސަލަތަކުގައި މިހާތަނަށް 33 މިލިޔަން ރުފިޔާގެ ގެއްލުންވެއްޖެ

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

ރާއްޖޭގައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އަތުލުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެ، މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 2700 ސްކޭމްގެ މައްސަލަ ރިޕޯޓްކޮށްފައިވާކަމަށާއި މި މައްސަލަތަކުގައި 33 މިލިޔަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ސްކޭމްގެ މައްސަލަތަކުގައި ހިމެނޭ ޓެކުމާ ސައިބާ ކްރައިމްގެ ބާވަތްތައް ރާއްޖޭގައި އިތުރުވަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި މިގޮތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް ފުލުހުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހެޑް އޮފް އެންޓި ސްކޭމް ސެންޓަރުގެ އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ނިޔަލަށް ރާއްޖޭގައި ރިޕޯޓްކޮށްފައިވާ 2700 ސްކޭމް މައްސަލައިގައި ޖުމްލަ 33 މިލިޔަން ރުފިޔާ ގެއްލުން ވެފައިވާކަމަށެވެ.

ނަވީދު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ 90 އިންސައްތައަކީ ރާއްޖޭގެ އެތެރޭގައި ތިބެގެން ހިންގާ މުއާމަލާތްތަކެވެ. އަދި މީގެ ތެރެއިން 99 އިންސައްތަ މައްސަލައަކީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާފައިވާ ކަންކަމެވެ. ވަކިން ހާއްސަކޮށް، ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތައް 95 އިންސައްތަ ހިއްސާކުރާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާ ފޭކު ކޮންޓެންޓްތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި، އިންޓަނެޓުން ބައްދަލުވާ ފަރާތްތަކަށް އިތުބާރު ކުރުމުގެ ކުރިން ރަނގަޅަށް ދިރާސާކުރުމަށާއި، "ގޫގުލް އިމޭޖް ރިވާސް ސާޗް" ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ފޮޓޯތަކުގެ ހަގީގަތް ބެލުމަށް ފުލުހުން ލަފާދެއެވެ.

ފުލުހުން ވަނީ މީސް މީޑިއާއިން އަންނަ ކޮންމެ ރިކުއެސްޓަކީ އަސްލު މީހެއް ކަމަށް ގަބޫލުނުކުރުމަށާއި، ގަބޫލުކުރަން ދަތި މިންވަރުގެ ބޮޑެތި ފައިދާތައް ދައްކައިގެން ކުރާ ހުށަހެޅުންތަކަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ސަރުކާރުން ހުޅުވާލާފައިވާ ހައުސިންގް ސްކީމްތަކާ ގުޅުވައިގެންވެސް ބޮޑެތި އޮޅުވާލުންތަކެއް ހިންގަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި ސޯޝަލް މީޑިއާ މެދުވެރިކޮށް މުއާމަލާތް ކުރުމުގައި އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިހާރު ކުރިއަށްދާ ވޯލްޑްކަޕާ ގުޅުވައިގެންވެސް ތަފާތު ސްކޭމްތައް ހިންގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ވޯލްޑްކަޕާ ގުޅިގެން ހިންގި ބައެއް ސްކޭމް އެކައުންޓްތައް މިހާރު ބަންދުކޮށް، އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ފުލުހުންގެ ހޮޓްލައިން 125 އަށް ގުޅައިގެން އެކަން ރިޕޯޓްކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ad