ރާއްޖޭގެ އާބާދީގައި އެންމެ ގިނައީ 36 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންކަމަށް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައިފިއެވެ.
ދުނިޔޭގެ އާބާދީގެ ދުވަހާއި ގުޅުވައިގެން ސްޓެޓްސް މޯލްޑިވްސް އިން އާއްމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ދިރިއުޅޭ އާބާދީގެ އަންދާޒާއަކީ 590،079 އެވެ. އޭގެ ތެރޭގައި ހިމެނެނީ 374،168 ފިރިހެނުންނާއި، 215،911 އަންހެނުންނެވެ. އެއީ 394،054 ދިވެހިންނާއި، 196،024 ބިދޭސީންނެވެ.
އެގޮތުން، ރާއްޖޭގައި ދިރިއުޅޭ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކީ ބިދޭސީއެކެވެ. މީގެ އިތުރުން، ރާއްޖޭގައި ދިރިއުޅޭ ފިރިހެނުންގެ 47 ޕަސެންޓަކީ ބިދޭސީން ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.
ސިނާއީ މަސައްކަތްކުރާ ރަށްރަށުގެ އާބާދީގެ 80 ޕަސެންޓަކީ ބިދޭސީން ކަމަށް ވެސް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެއެވެ. އެ އިދާރާއިން ބުނި ގޮތުގައި، މާލޭގައި ދިރިއުޅޭ އާބާދީގައި މަސައްކަތު އުމުރުފުރާގެ މީހުން ގިނަ އިރު، އެ އުމުރުގެ ބިދޭސީން ވެސް މާލޭގައި ގިނަކަން ފާހަގަކުރެވެއެވެ.
ރަށްރަށުގައި ދިރިއުޅޭ އާބާދީގައި 20 އަހަރާއި 29 އަހަރާ ދެމެދުގެ މީހުން މަދުކަން ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 20 އަހަރާއި 44 އަހަރާ ދެމެދުގެ މީހުން ގިނައެވެ. އޭގެ ތެރޭގައި ވެސް ބިދޭސީން ގިނަކަން ވަނީ ހާމަކޮށްފައެވެ.އުމުރުފުރާތަކަށް ބަލާއިރު، ރާއްޖޭގެ އާބާދީގައި އެންމެ ގިނައީ 36 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ މުޅި އާބާދީގެ 37 ޕަސެންޓެވެ. ދެން އެންމެ ގިނައީ 17 އަހަރުން ދަށުގެ ކުދިން ކަމަށްވާއިރު، އެއީ އާބާދީގެ 29 ޕަސެންޓެވެ. އަދި ޒުވާނުން ކަމަށް ބަލާ 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންގެ ނިސްބަތަކީ 27 ޕަސެންޓެވެ.

