logo

ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއްގައި ތާރު އަޅަންފަށައިފި

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބޮޑު ބައެއްގައި ތާރު އަޅަން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތުގެ ތެރެއިން ސެގްމަންޓް 4 އަދި 5 ގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެއީ، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ހާރިޖީ ވުޒާރާއާއި ހަމައަށް އޮންނަ ސަރަހައްދެވެ.

ހާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާ ތެރޭގައި ފަށާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫއުގެ ދަށުން، އިއްޒުއްދީން މަގުން ފެށިގެން ހެންވޭރު ޓާމިނަލްއާއި ހަމައަށް ތާރުއަޅައިގެން ތަރައްގީކޮށްފައިވެ އެވެ. އަދި މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާއެކު ހެންވޭރު ޓާމިނަލުން ފެށިގެން މާލޭ ނޯތު ހާބަރާއި ހަމައަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް 21 ގައެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ތެރޭގައި ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ހަތަރު ލޭނަށް ފުޅާކުރުމާއި 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް) ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރުންް ހިމެނެއެވެ. އަދި އޭގެ އިތުރުން ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރާނެއެވެ.

ހެންވޭރު ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް މަގު ތަރައްގީ ކުރާއިރު، މަގުގެ އެއް ފަޅީގައި ޕާކުކުރެވޭނެ ޖާގަ އާއި މަސްވެރިންގެ ޕާކު ސަރަަހައްދު ވެސް ތަރައްގީ ކުރާނެއެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިމާރާތުގެ ކުރިމަތީގައި ގިނަ އަދަދެއްގެ ސައިކަލް ޕާކް ކުރެވޭނެ ސަރަހައްދެއް ތަރައްގީ ކުރާނެއެވެ. އެ ސަރަހައްދު ތަރައްގީ ކުރަނީ މާލޭގެ ފަޅުން ބައެއް ހިއްކައިގެންނެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ޖޫން މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރިނަމަވެސް، އެކި ސަބަބުތަކާ ހުރެ މުޅި މަޝްރޫއުގެ މަސައްކަތް ނިމޭނެ ކަމަށް މިހާރު އެމްޓީސީސީން އަންދާޒާކޮށްފައިވަނީ މިމަހުގެ 26އަށެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަހައްދުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ. މި ސަރަހައްދަށް އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ތާރު އެޅުމުގެ އިތުރުން މަގު ވަރަށް ބޮޑަށް ފުޅާވުމެވެ. އަދި ހިނގާބިނގާވެ އުޅުމަށް އިތުރަށް ފަސޭހަވެ، އެ ސަރަހައްދު ކުރިއަށް ވެސް ބޮޑަށް ފެހި ކުރުމަށް ގިނަ ގަސްތަކެއް އިންދުމަށް ވަނީ ހަމަޖެހިފައެވެ.

މި ސަރަހައްދުގެ މަސައްކަތް ފެށީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

ad