ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރަމުންދަނީ ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށާއި، އެ ފަންޑުގެ އެހީ ލިބޭނީ ހަމައެކަނި އޭގެ ހައްގުވެރިންނަށް ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއެހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. މެންބަރު ވަނީ ޒަކާތު ފަންޑުން އެހީ ދިނުމުގައި ވަކި ކަނެކްޝަންތަކެއް އޮންނަ ފަރާތްތަކަށް ފަސޭހައިން އެހީ ލިބޭ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ވިދާޅުވެ، އެކަމުގައި އިސްކަންދޭ އުސޫލެއް އޮވޭތޯ ސުވާލު ކުރައްވާފައެވެ.
މިކަމާ ގުޅިގެން ވަޒީރު ވިދާޅުވީ ޒަކާތު ފަންޑުގެ ތެރެއިން އެހީ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސިޔާސަތެއްގެ ދަށުން ކުރިއަށްދާ ކަމެއް ކަމަށާއި، އެ ފަންޑު ތަރައްގީކޮށް ގިނަ ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ އިދާރީ ގޮތުން ޒަކާތު ފަންޑުން އެހީތެރިކަން ހޯދުމަށް ދަތިކަމެއް ހުރިކަން ފާހަގަކުރެވޭނަމަ، އެކަން ހައްލުކޮށް ރަނގަޅުކުރާނެ ކަމަށެވެ.
ސަރުކާރުން "މޯލްޑިވްސް ޒަކާތު ހައުސް" އިފްތިތާޙުކޮށް، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އިތުރުވެ، އޭގެ މަންފާ ހައްގުވެރިންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ފުޅާކުރަމުންނެވެ.
ޒަކާތު ހައުސްއިން ކުރާ މައިގަނޑު ކަންތައްތަކަކީ ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާކޮށް އައު ހަރުފަތަކަށް ގެންދިޔުމާއި ޒަކާތުގެ އިލްމު ފެތުރުމާއި ޒަކާތުގެ ހުކުމްތަކާ މެދު އާންމުން ހޭލުންތެރިކުރުވުމެވެ. އަދި ޒަކާތް އަދާކުރާ މިންވަރު އިތުރުކޮށް، ޒަކާތު ފަންޑު ގުނަކޮށް ރާއްޖެއިން ފަގީރުކަން ނައްތާލުމަށް މަސައްކަތް ކުރާނެއެވެ.

