2004 އިން 2008 ވަނަ އަހަރާ ދެމެދު، ގާނޫނު އަސާސީ އެކުލަވައިލުމަށްޓަކައި ކުރި މަސައްކަތުގައި ވަރަށް ފޮނި އުންމީދުތަކެއް ކުރެވުނު ކަމަށާއި، ނަމަވެސް އެ އުއްމީދުތައް ރައްޔިތުންނަށް ހާސިލްވި މިންވާރާއި ދޭތެރޭ ވިސްނާލަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ފެހި ޤާނޫނުއަސާސީ އަށް މިއަދު 18 އަހަރު ފުރިގެންދާއިރު، ވެރިކަމުގެ ހަތަރު ދައުރެއް ރައްޔިތުންނަށް ވަނީ ފެނިފަ ކަމަށާއި، ވޭތުވެ ދިޔަ 18 އަހަރުގެ ތެރޭގައި ފެނިގެން ދިޔަ ވެރިކަންތަކުގެ ތެރެއިން، ރާއްޖެ އަށް ތަފާތު ހެޔޮ ބަދަލުތައް ވެސް އަތުވެފަވާ ކަމަށެވެ. ނަމަވެސް، ފެހި ޤާނޫނުއަސާސީގައި އިންތައް ވަކި ކުރި ގޮތާ ޚިލާފަށް، އެއް ބާރުގެ ނުފޫޒު އަނެއް ބާރުގެ މައްޗަށް މިހާރު އިންތިހާ އަށް އޮތުމުގެ ސަބަބުން، ޤައުމު ދާންޖެހޭ މިސްރާބަށް ނުދިޔުމުގެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ކަމަށެވެ. ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮންނަ ހެޔޮވެރިކަމުގެ ނިޒާމެއް ޤާއިމުކޮށް، އިޤްތިޞާދީ ގޮތުން ފުދުންތެރި ޤައުމަކަށް ހަދައި، ރައްޔިތުންނަށް ހަމަޖެހުމާއި ކުރިއެރުން ހޯދުމަށްޓަކައި ޤާނޫނުއަސާސީ އަށް އިސްލާޙުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް ފައިސަލް ވަނީ ފާހަގަ ކޮށްފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އަދަދު 60 މެމްބަރުންނަށް މަދުކޮށް، މުޅިއަތޮޅުން ވޯޓު ދީގެން މެމްބަރުން އިންތިޚާބު ކުރުމާއި، ފަނޑިޔާރު ގޭގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރުން އައްޔަން ކުރާގޮތާއި، އުއްތަމަ ފަނޑިޔާރު އައްޔަން ކުރާ ގޮތް ބަދަލު ކުރުމާއި، މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅައިގެން މަޖިލީހުން ފާސްކުރުމާއި، ޤާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އަށް އެއްވެސް އިމެއް އަދި މިނެއް ނެތި ދީފައިވާ ބާރުތައް އިސްލާހު ކުރުމާއި، ސަރުކާރު ހިންގުމަށްޓަކައި މިނިސްޓްރީތަކާއި، އޮފީސްތަކާއި އަދި ކުންފުނިތަކަށް ސިޔާސީ މުވައްޒަފުން އައްޔަން ކުރެވޭނެ ވަކި އަދަދެއް ކަނޑައެޅުމާއި، އަދި މުވައްޒަފުން އައްޔަން ކުރުމުގައި ބަލާނެ މިންގަނޑުތަކެއް ކަނޑައެޅުމާއި، ފުރިހަމަ ލާމަރުކަޒީ ނިޒާމަކަށް އަތޮޅުތައް ހިންގުން ބަދަލުކޮށް، ރަށް ރަށަށް ބާރުތައް ދޫކޮށްލުން މިއީ ކުރެވިދާ ކަންތައްތަކެއް ގޮތުގައި ފައިސަލްވަނީ ފާހަގަ ކޮށްފައެވެ. އަދި، ތައުލީމާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި، ވިޔަފާރި އަދި ވަޒީފާގެ ފުރުސަތުތައް ފަހިވާނެ ގޮތަށް، ރާއްޖެ ތަރައްޤީ ކުރުމަށް ޚާއްސަ ސަރަހައްދުތަކެއް ކަނޑައެޅުމާއި މިގޮތުން އިންޓަނޭޝަނަލް އެއާޕޯޓުތައް ތަރައްޤީ ކުރާ ސަރަހައްދުތަކުގައި ޓޫރިޒަމް ފުޅާ ކުރުމަށް ޚާއްސަ އިސްކަމެއް ދިނުމާއި، އަދި މި ޚާއްސަ ސަރަހައްދުތަކުގައި، އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި އެހެނިހެން ދާއިރާތައް ކުރިއެރުވުމަށް ވެސް އިސްކަމެއް ދިނުމާއި ދިވެހިރާއްޖޭގެ ދުރު ރާސްތާގެ ތަރައްޤީގެ ޕްލޭން ކަނޑައަޅައި، އެއާ އެއްގޮތަށް އަމަލު ކުރުމާއި، އަދި ސަރުކާރު ބަދަލުވި ނަމަވެސް، ފަށާފައިހުރި ގައުމީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ލާޒިމު ކުރުމާއި،. ދިވެހިރާއްޖޭގެ ވިޔަފާރި އާއި ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް ފުރުސަތު އިތުރު ކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި، އެގޮތުން ޓޫރިޒަމް ދާއިރާގެ މަތީ މަގާމުތައް ދިވެހިންނަށް ލިބޭނެ ފަދަގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަނސްކީމްތައް ތައާރަފު ކުރުމާއި، ވިޔަފާރިތަކަށް ދިވެހިން ވަނުމަށް ހިތްވަރު ދީ، މަގު ހުޅުވައި ދިނމާއި، ރިސޯޓުތަކުގައި ކުރާ ތާޑް ޕާޓީ ވިޔަފާރިތައް ވަކި މުއްދަތެއްގެ ތެރޭގައި ދިވެހިންނަށް ލިބޭނެ ގޮތަކަށް އިންޑަސްޓްރީއާ މަޝްވަރާކޮށް އެކަމަށް މަގެއް ހުޅުވުމާއި ކާބޯ ތަކެތީގެ ޔަޤީންކަން ދަމަހައްޓައި، އެހެން ޤައުމުތަކަށް ބަރޯސާވުން ކުޑަ ކުރުމަށް ރާއްޖޭގައި ދަނޑުވެރިކަމާއި މަސްވެރިކަން ފުޅާކުރުމާއި، މީހުން ބިނާ ކުރުމުގައި، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކަށް އިސްކަން ދީގެން، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްހަމަ ފެންވަރެެއްގައި މީހުން ބިނާ ކުރުމުގެ ޚާއްސަ މަޝްރޫއެއް ކުރިއަށް ގެންދިޔުން ވެސް ފައިސަލް ވަނި ހިމަނުއްވަފައެވެ.
މީގެ އިތުރުން އަދި މި މަޝްރޫއު ވަޒީފާގެ ބާޒާރާ ގުޅުވައި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިވާނެ ގޮތަކަށް ބައްޓަން ކުރުމާއި، އެކަށީގެންވާ ފެންވަރުގެ ދިރިއުޅުމެއް ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރު ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ޤާނޫނުއަސާސީގައި ކަނޑައެޅުމާއި، އަދި އިޖްތިމާޢީ ރައްކާތެރިކަމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި، އެންމެންނަށް އެއް މިންގަނޑަކުން ދިނުމުގެ ބަދަލުގައި، ކޮންމެ ފަރުދެއްގެ އަދި ކޮންމެ އާއިލާއެއްގެ ހާލަތު ވަކިވަކިން ބަލައި، އެ ހާލަތާ އެކަށޭނަ ގޮތަކަށް އެހީތެރިކަން ދެވޭނެ ނިޒާމެއް ޤާއިމު ކުރުމަކީވެސް މުހިންމު ކަމެއް ކަމަށް ދެކޭ ކަަމަަށެވެ.

.jpg&w=256&q=75)
