ރިއަލް އެސްޓޭޓް ބިލު ހިމެނޭހެން ހަތަރު ބިލެއްގެ އިބްތިދާއީ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.
ރިއަލް އެސްޓޭޓް ބިލުގެ އިތުރުން، މާދަމާގެ އެޖެންޑާގައި ހިމަނައިފައި ވަނީ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލުގެ އިތުރުން ދިވެހިރާއްޖޭގެ އިމިގްރޭޝަނުގެ ބިލުގެ ބަހުސް އެވެ.
ރިއަލް އެސްޓޭޓް ބިލުގެ 89ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ހާއްސަ ޒޯނުގައިވާ އެޕާޓްމަންޓްތަކާއި ޕްރޮޕަޓީތަކުގެ ލީސްހޯލްޑް ބޭރު މީހުންނަށް 99 އަހަރަށް ވިއްކޭނެ ކަމަށެވެ. އަދި ބޭރު މީހަކު މާސްޓާ ޑިވެލޮޕަރުގެ އަތުން ތަނެއް ގަތުމުން، ލިބެނީ ކުރީގެ ލީސްގެ ބާކީ އޮތް މުއްދަތެއް ނޫނެވެ.
އޭގެ ބަދަލުގައި، ކުރީގެ ލީސް ސަރުކާރަށް ދޫކޮށްލުމުން، ގަތް ފަރާތަށް ސީދާ 99 އަހަރުގެ އާ ލީސްއެއް އޮތޯރިޓީން ދޫކުރަން ޖެހޭނެ އެވެ. ބިލުގެ 78 ވަނަ މާއްދާގެ ށ. ގައިވާ ގޮތުން، މާސްޓާ ޑިވެލޮޕަރުގެ މުއްދަތު ހަމަވި ނަމަވެސް އެ ގޮތަށް ދޫކުރާ ލީސް ދެމިއޮންނާނެ އެވެ.
މި މޮޑެލްގެ ދަށުން ޕްރޮޕަޓީ ގަންނަ ބޭރު މީހުންނަށް އެ ޕްރޮޕަޓީ އެހެން ފަރާތްތަކަށް އަލުން ވިއްކުމާއި، ބޭންކުތަކަށް ރަހުނުކުރުމުގެ ފުރިހަމަ އިހުތިޔާރު ލިބިގެންދެ އެވެ. އެހެންކަމުން މިއީ ގާނޫނު އަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާ އަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް ގެނައި އިންތިޒާމެއްކަމަށް ބެލެވެއެވެ.
އޭގެ އިތުރުން، އީގަލް ހިލްސްއަށް ރަސްމާެލެއިން ދޫކޮށްލާ 500 ހެކްޓަރު ބިމުން އެއް ގައުމެއްގެ ރައްޔިތުންނަށް އެންމެ ގިނަވެގެން ގަނެވޭނީ 25 ޕަސެންޓުގެ ބިންކަމަށް އެ ބިލުގައި ވަނީ ހިމަނައިފައެވެ.
ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލް މަޖިލީހަށް ހުށަހަޅުއްވައިފައިވާ އަބުރުގެ ބިލުގައި ވަނީ އަބުރާ ބެހުމުގެ އަމަލުތަކުގެ ގޮތުގައި ބެލެވޭނެ ވަރަށް ބައިވަރު ކަންކަން ހިމަނައިފަ އެވެ.
އެގޮތުން، ބުނާ ބަސްތަކެއްގެ ސަބަބުން، ދައްކާ ފޮޓޯއެއް ނުވަތަ ކުރެހުމެއްގެ ސަބަބުން ވެސް އަބުރުގެ ދައުވާ ކުރެވިދާނެ ކަމަށް އެ ބިލުގައި ހިމަނައިފައިވެއެވެ. އޭގެ އިތުރުން، ވަކި މީހަކު ސިފަވާގޮތަށް ހަދާފައި ހުންނަ ތަކެތި މެދުވެރިކޮށް ނުވަތަ ހަދާ ފިލްމަކުން ނުވަތަ ތަމްސީލެއްގެ ސަބަބުން ވެސް އަބުރުގެ ދައުވާ ކުރެވިދާނެ ކަމަށް އެ ބިލުގައި ހިމަނައިފައިވެ އެވެ.
އޭގެ އިތުރުން، މީހަކު ކުރާ އިޝާރާތެއްގެ ސަބަބުން ނުވަތަ ކުރާ ހަރަކާތެއްގެ ސަބަބުން ވަކި ފަރާތެއްގެ އަބުރާބެހެވޭ ފަދަ އެއްޗެއް ސިފަކުރެވިގެން ނުވަތަ ވިސްނި، ދޭހަވިޔަސް އެ ބިލުގައި ވާގޮތުން އަބުރުގެ ދައުވާ ކުރެވެ އެވެ.
އެ ބިލުގައި ވާގޮތުން އަބުރުގެ ދައުވާއެއް އުފުލޭނީ އަބުރާ ބެހުމުގެ އަމަލުތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކީ، އޭގައި ހަގީގަތެއް އެކުލެވިގެން ނުވާ ދޮގަކަށް ވެއްޖެ ނަމަ އެވެ.
އަބުރުގެ ދައުވާއެއް ސާބިތުވެއްޖެ ނަމަ، ބަދަލުގެ ގޮތުގައި 50،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދެއްގެ ބަދަލެއް ނަގައިދެވިދާނެކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ. އެ ބިލުގައި ވާގޮތުން، އަބުރާ ބެހުމަކީ މަދަނީ ކުށެކެވެ.
މާދަމާގެ އެޖެންޑާގައި ދެން ހިމަނައިފައިވާ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލުގައި ވަނީ މަރުގެ އަދަބު ތަންފީޒު ކުރާނީ ދަންޖައްސައިގެން ކަމަށާއި އެ އަދަބު ތަންފީޒުކުރުމަށްޓަކައި ބޭނުންކުރާ އާލަތްތަކާއި ތަކެތި، އަދި އެކަން ކުރާނެ ގޮތް، އެއީ، ކުށްވެރިޔާއަށް އެންމެ ވޭން ކުޑަވާނެ ގޮތަކަށް އަދި ވީއެންމެ އަވަހަކަށް އަދަބު ތަންފީޒުކުރެވޭނެ އާލާތްތަކާއި ތަކެއްްޗަށް އަދި ގޮތަކަށް ކަމުގައި ވާންވާނެ ކަމަށެވެ.
އެގޮތުން، ދަންޖެއްސުމަށް ބޭނުންކުރެވޭ ތަކެއްޗާއި، އާލާތްތަކާއި، ދަންޖެއްސުމުގެ ތަފްސީލީ އުސޫލުތަކާއި އިޖުރާއަތްތައް މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރަން ޖެހޭނެއެވެ.
ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުމާއެކު އަދި ވާރިސުންގެވެސް ރުހުމާއެކު ކުށްވެރިޔާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކަންކަން ހިންގާ ބަލަހައްޓާނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ. އެ ޕެނަލް ކޮންމެ މައްސަލައަކަށް ވަކިން އެކުލަވާލާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިންނެވެ.

.jpg&w=3840&q=75)