އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބާއްވާ 'މަޢުރިފާ' ފޮތް މައުރަޒު 2026 އޮކްޓޫބަރު 1 އިން 3 އަށް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ
މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 1 އިން 3 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނީ މިއީ ދީނީ އަދި ޢިލްމީ ފޮތްތަކަށް އާންމުން އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ބާއްވާ މަޢުރަޒެއް ކަމަށެވެ. އަދި ފޮތް އުފައްދާ ފަރާތްތަކާއި ފޮތްވިއްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޮތްތައް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމާއި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތު ހޯދައިދެވޭނެ ކަމަށެވެ.
މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ ކަމަށެވެ. މި މައުރަޒުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށައަޅަން ޖެހޭ އޮންލައިން ފޯމު ހުށައަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

