2027 ވަނަ އަހަރުގެ ބަޖެޓަށް ބަހުސްކުރަން ކޮންމެ މެންބަރަކަށް 15 މިނެޓްގެ ފުރުސަތެއް އަރުވަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ފޭދޫ ދެކުނު ދާއިރާގެ ޕިއެންސީ މެންބަރު އިބްރާހިމް ދީދީގެ މި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ވަނީ ފަސްކޮށްފައެވެ.
މިދިޔަ އަހަރު ވެސް ކޮންމެ މެންބަރަކަށް ބަޖެޓަށް ބަހުސްކުރަން ދިނީ 15 މިނެޓެވެ. އަދި ބަޖެޓު ދިރާސާކުރާ ކޮމިޓީން ބަޖެޓު ފާސްކޮށް ހުށަހަޅާ ރިޕޯޓަށް ބަހުސްކުރަން ހަތް މިނެޓު ދިން އިރު، މެންބަރުންގެ ސުވާލުތަކަށް ފިނޭންސް މިނިސްޓަރަށް ޖަވާބުދެއްވަން ދިނީ 45 މިނެޓެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާއި އަޅާބަލާއިރު ގާތްގަޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ.
ނަމަވެސް ބަޖެޓްގެ ޖުމްލަ އަދަދު ދަށްވުމާއެކުވެސް ދައުލަތް ހިންގުމަށް ކުރާ ހޭދަ ނުވަތަ ރިކަރަންޓް ޚަރަދުތައް އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
އެގޮތުން އަންނަ އަހަރު ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ. އެއީ މި އަހަރަށް ލަފާކުރި 42.5 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 0.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެެވެ. މިދިޔަ އަހަރު ރިކަރަންޓް ޚަރަދަށް 37.4 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.

