ވިލިމާލޭގައި މި މަހުގެ އަށްވަނަ ދުވަހު ހިންގި ޚާއްސަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި، ހައްޔަރުކުރި ތިން ފިލްމީ ތަރިން ބަންދުން ދޫކޮށްލައިފިއެވެ.
މިމައްސަލަގައި ހައްޔަރު ކުރީ އަހުމަދު އަޒްމީލް (44އ)، އިސްމާއިލް ޖުމައިޙު (35އ)، މުހައްމަދު ވިޝާލް (ރޯމަން) (29އ)، އޭގެ އިތުރުން ޝާހިލް މުހައްމަދު (42އ)އެވެ.
މި މަހުގެ 9ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ. މިމުއްދަތު ހަމަވާން އޮތީ އަންނަ ހޮނިހިރު ދުވަހަށެވެ.
އެހެންނަމަވެސް ފުލުހުން މިއަދު ބުނީ އޭގެ ތެރެއިން ހަތަރު މީހުންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް ގެ އޮފީހަށް ފޮނުވައި، ތަހުގީގު ފުރިހަމަވެފައިވާތީ ތިން މީހުން ދޫކޮށްލައިފައިވާ ކަމަށެވެ. އެއީ އަޒްމީލާއީ ޖުމައިހާއި ވިޝާލެވެ. އަދި ހަތަރު ވަނަ މީހާ ކަމަށްވާ، ޝާހިލް މިއަދު ދޫކޮށްލުމުގެ މަރުހަލާތައް ކުރިއަށްގެންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި ކޯޓު މަރުހަލާ ކުރިއަށް ދާއިރު އިތުރަށް އެމީހުން ހައްޔަރުގައި ބަހައްޓަން އަމުރު ކޮއްފިނަމަ އެގޮތައް އަމަލު ކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އެ ތިން މީހުންގެ ކޯޓު އަމުރުގައިވާ ގޮތުން އެ މީހުންނަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ވަނީ ހުށަހަޅާފައެވެ. އެގޮތުން ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި އެ ތިން މީހުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ފޮޒިޓިވްވެފައިވާ ކަމަށް އިންވެސްޓިގޭޓިވް އޮފިސަރު ފާހަގަކޮށްފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
ފުލުހުން އެ ގެއަށް ވަދެފައިވަނީ އެމީހުން ތިބި ކޮޓަރީގެ ދޮރު ތަޅުލާފައި ހުރުމުން ބާރުގެ ބޭނުންކޮށްގެން ދޮރު ހުޅުވައިގެންނެވެ. އަދި ފުލުހުން އެތެރެއަށް ވަން ވަގުތު، އެ ކޮޓަރީގައި ހުރި މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހާމައަށް ފެންނަން ހުރި ކަމަށް ތަހުގީގު ޓީމާ ހަވާލާދީ ވަނީ ބަޔާންކޮށްފައެވެ. ސީނަށް ދިޔަ ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، އެތަނުން އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަށް ބަލާއިރު، އެއީ ގާނޫނީ ގޮތުން ޑްރަގް ޓްރެފިކިންގެ މިންގަނޑަށް ފެތޭ އަދަދެކެވެ.
ފުލުހުން ބުނި ގޮތުގައި އެ ތިން މީހުން ތިބި ކޮޓަރި ފުލުހުން ބާރުގެ ބޭނުން ކޮށްގެން ހުޅުވިއިރު، ކޮޓަރީގައި ހުރި މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހާމައަށް ހުއްޓެވެ. އަދި އެ ކޮޓަރީގައި ތިން މީހުން ތިބިކަން ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެ ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި ޓްރެފިކިން މިންގަނޑަށް އަރާވަރަށް މަސްތުވާތަކެތި ހުރިކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ޖުމައިހު ފިޔަވައި، އަނެއް ތިން މީހުންނަކީ މީގެކުރިން ވެސް މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ހައްޔަރުކޮށް ބަންދުކުރި ކަމުގެ ކުށުގެ ރެކޯޑް އޮތް ބައެއް ކަން ފާހަގަކޮށްލެވެއެވެ.

