logo

ބީއެމްއެލްއިން ޓީޓީތަކަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކޮށްފި

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓެލެގްރެފިކް ޓްރާންސްފަރ (ޓީޓީ)ތަކުގެ އަދަދަށް ރިޢާޔަތްކޮށް، ތިން ހަފްތާގެ މުއްދަތަކަށް ޓީޓީތަކަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު އިތުރުކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.

އެ ބޭންކުން އާންމުކޮށްފައިވާ ގޮތުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން ތިން ހަފްތާގެ މުއްދަތަކަށް ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމާ ގުޅިގެން، ބީއެމްއެލް އަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީ ތަކުގެ އަދަދަށް ރިއާޔަތްކޮށް، ތިން ހަފްތާގެ މުއްދަތަކަށް ޓީޓީތަކަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު އިތުރުކުރުމަށް އެ ބޭންކުން ވަނީ ނިންމާފައެވެ.

އެ ބޭންކުން ބުނީ، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް، ބޭންކުން 186 މިލިއަނަށްވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައިވާ ކަމަށެވެ. އަދި އެއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިއަން ޑޮލަރު ކަން ފާހަގަކޮށް އެ ބޭންކުން ބުނީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު އެއީ 12 މިލިއަން ޑޮލަރު އިތުރު އަދަދެއް ކަމަށެވެ.

މީގެ އިތުރުން، ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގާތްގަނޑަކަށް 570 މިލިއަން ޑޮލަރު އެ ބޭންކުން ފޯރުކޮށްދީފައިވާނެ ކަމަށްވެސް ބުނެ އެވެ. އެއީ އެވްރެޖްކޮށް ދުވާލަކަށް 2.7 މިލިއަން ޑޮލަރެވެ.

އެ ބޭންކުން ވަނީ އާންމު ފަރުދުންނަށާއި ވިޔަފާރިތަކުގެ އެކި ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކު ދެމިއޮންނާނެކަމުގެ ޔަގީންކަން ދީ، ބޭންކުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ ކަސްޓަމަރުންގެ ބޭނުންތަކާއި ބޭންކުގެ ބޭރު ފައިސާގެ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ބެލެންސްކޮށް ދެމެހެއްޓުން ކަމަށް ބުނެފަ އެވެ.

ad