މޯލްޑިވިއަންގެ ޓިކެޓުގެ އަގުހެޔޮ ކުރަން ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އައިލެންޑް އޭވިއޭޝަނުން ބޭނުންކުރާ އޭޓީއާރު މަތިންދާބޯޓްތައް އޮޕަރޭޓް ކުރަން ހިނގާ ހަރަދު ބޮޑުވުން ކަމަށާއި، މޯލްޑިވިއަންގެ ދަތުރުތައް އަގުހެޔޮ ކުރަން ދަތިތަކެއް އެބަހުރި ކަމަށް ސިވިލްއޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގައުމީ އެއާލައިން މޯލްޑިވިއަނުން ބޭނުންކުރާ އޭޓީއާރް މަރުކާގެ ބޯޓުތަކަކީ ރައްކާތެރިކަމުގެ ގޮތުން ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވިފައިވާ ބޯޓުތަކެއް ކަމަށެވެ. ނަމަވެސް، މި ބޯޓުތަކުގެ އިންޖީނު މަރާމާތު ކުރުމާއި އޮޕަރޭޝަނަލް ޚަރަދުތަކަށް ބަލާއިރު، މިހާރު ހުރި ޓިކެޓުގެ އަގުތަކަކީ ޚަރަދަށްވުރެ މާ ބޮޑު އަގުތަކެއް ނޫން ކަމަށް އަމީން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ކުރަން ޖެހޭ ހަރަދުތަށް ބަލާ އިރު ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުތަކުގެ ޓިކެޓް އަގު ނިސްބަތުން ބޮޑު ނޫން ކަމަށާއި، އެއާލައިންތަކުން ގާތްގަނޑަކަށް 30 ނޫނީ 40 ޕަސެންޓް ޓިކެޓް ފެއާ މައްޗަށް ގޮސްފި ކަމަށެވެ.
ޓިކެޓް އަގުހެޔޮ ކުރަން ހުރި ގޮންޖެހުންތައް ފާހަގަ ކުރަމުން މިނިސްޓަރު ވިދާޅުވީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން ތެލަށް ކުރަން ޖެހޭ ހަރަދު ވެސް ބޮޑުވުމަކީ ޓިކެޓްގެ އަގު ހެޔޮކުރަން ހުރި ގޮންޖެހުންތައް ކަމަށެވެ. އްޖޭގެ އާބާދީ ކުޑަވުމުން ދަތުރުފަތުރު ކުރާ މީހުންގެ އަދަދު މަދުވުމަކީ ވެސް ޓިކެޓުގެ އަގު ދަށްކުރުމަށް އޮތް ދައްޗެއް ކަމަށެވެ.
ފުރަތަމަ ވައިޑް-ބޮޑީ ބޯޓުގެ ކާމިޔާބީއާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ފާއިތުވި 16 މަސްދުވަހުގެ ތެރޭގައި އެ ބޯޓުން 67،000 ފަސިންޖަރުން ދަތުރުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ފަތުރުވެރިންނާއި، ހައްޖާއި އުމްރާއަށް ދިޔަ ދިވެހިން ހިމެނެއެވެ. މިހާރުވެސް މި ބޯޓު ބޭނުންކޮށްގެން ޗައިނާ، އޮސްޓްރޭލިއާ، އިންޑިއާ އަދި ބަންގުލަދޭޝް ފަދަ ގައުމުތަކަށް މުހިންމު ދަތުރުތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

.jpg&w=256&q=75)
