logo

ސްކޫލުތަކުގެ ނަން ބޭނުންކޮށްގެން ޔޫނިއަންތައް ނުއުފެއްދޭނެ: ވަޒީރު ޝަފީއު

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

ސްކޫލްތަކުގެ ނަން ބޭނުންކޮށްގެން ޔޫނިއަން ނުއުފެއްދޭނެކަމަށް ތަޢުލީމާއި މަތީތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު، ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. މައުރޫފް ސުވާލުކުރައްވާފައި ވަނީ، އިންޑަސްޓްރިއަލް ގާނޫނުގެ ދަށުން ޔޫނިއަން ހަދާ ހިންގުމަކީ ކޮންމެ މަސައްކަތްތެރިއަކަށް ވެސް ލިބޭ ހައްގެއް ކަމަށް ވާއިރު، އިސްކަންދަރު ސްކޫލްގެ ޓީޗަރުން އިސްކަންދަރު ވޯރކް ޔޫނިއަންގެ ނަމުގައި އުފައްދާފައިވާ ޔޫނިއަން ބަލައިނުގަންނާނެ ކަމަށާއި، އެ ޔޫނިއަންގެ އެއްވެސް ހަރަކާތެއް ސްކޫލްގައި ނުހިންގޭނެ ކަމަށް ސްކޫލްގެ ޕްރިންސިޕަލް ޔޫނިއަންގެ މަސްއޫލުވެރިޔާއަށް އަންގާފައި ވަނީ ކޮން ގާނޫނެއްގެ ދަށުންތޯ ސާފުކުރެއްވުމަށެވެ.

ވަޒީރު ޝަފީޢު ވިދާޅުވީ، ޔޫނިއަން ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދުގައި ޔޫނިއަންތައް އުފެއްދޭނެ ގޮތާއި ޔޫނިއަންތައް ހިންގޭނެ ގޮތުގެ މައުލޫމާތު ސާފުކޮށް ހިމަނާފައިވާ ކަމަށެވެ. އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ 4 ވަނަ ނުކުތާގައި، ޔޫނިއަންގެ ގޮތުގައި ރަޖިސްޓަރ ނުކުރެވޭނެ ނަންތައް ބަޔާންކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ދައުލަތުގެ މުއައްސަސާއެއްގެ ނަން ނުވަތަ އެފަދަ މުއައްސަސާއަކާ އޮޅުން އަރާ ފަދަ ނަމެއް ޔޫނިއަންއަކަށް ކިޔައިގެން ނުވާނެކަމަށް ޔޫނިއަން ހިންގުމާއި ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން،

އާއްމު ކުންފުނިތަކާއި ޚިލާފަށް ސްކޫލްތަކަކީ ޚާއްސަ ހިފެހެއްޓުމާއި، ސިފަތަކެއް ލިބިގެންވާ ތަނެއް ކަމަށާއި އެ ތަންތަނުގައި ހިފަހައްޓަން ޖެހޭ މަސްލަހަތު ވަރަށް ބޮޑު ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ވަޒީރު ވަނީ އެ މައްސަލަ ޔޫނިއަންތަކުގެ ރަޖިސްޓްރާއަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

އަދި އިސްކަންދަރުގެ ޓީޗަރުން އުފެއްދި ޔޫނިއަން ބަލައިނުގަންނާނެކަމަށާއި، އެ ސްކޫލްގެ ޕްރިންސިޕަލް އަމަލުކޮށްފައި ވަނީ އެ ވުޒާރާއިން ދިން އިރުޝާދާ އެއްގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސްކޫލް މަދަރުސާތެރޭގައި މުދައްރިސުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ސަރުކާރުން ފުރުސަތު ދިންނަމަވެސް ވަކިވަކި ނަންތަކާއި ވަކިވަކި ޔޫނިއަންތައް ހަދައިގެން އެކަން ކުރުމަށް ފުރުސަތު ނުދެއްވާނެކަމަށް ވިދާޅުވިއެވެ.

ވަޒީރު ވަނީ ސްކޫލްތަކާއި ގުޅުން ހުރި ޔޫނިއަންތައް ހިންގުމުގައި އިތުރަށް ސަމާލުވާން ޖެހޭކަމަށް ފާހަގަކުރައްވާފައެވެ. މުދައްރިސުންގެ ހައްގުތައް ހޯދާދިނުމަކީ މިހާރުވެސް ސަރުކާރުން އިސްކަންދެއްވާ ކަމެއް ކަމަށާއި، އެފަދަ ކަންކަމަށް ޔޫނިއަންތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ad