އަސްލަމްރަޝީދުގެ ސްލޭމް ސްޓޫޑިއޯ އާއި ސެޓާން ސްޓޫޑިއޯ އަދި ކިޑް ޕްރޮޑަކްޝަން އާއި ނޫރު އެންޑް މޫވީޒް ގުޅިގެން ގެނެސްދޭ ދިވެހި ފިލްމް "ކީއްވެ؟"ގެ ޓިކެޓް އޮލިންޕަހުން ވިއްކަން ފަށައިފިއެވެ.
އާއިލީ މައްސަލަތަކެއްގެ މައްޗައް ބިނާކޮށް ކުޅެފައިވާ މިފިލްމު އެޅުވުމަށް ހަމަ ޖެހިފައިވަނީ މި އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރެއެވެ.
ރީކޯ މޫސާމަނިކާއި ޝީލާ ނަޖީބު،ގެ އިތުރުން ފިލްމުގެ މުހިއްމު ރޯލުތަކުން ޢަލީޝަމީލް، މަރްޔަމް ނިޝާ، ވާޝިޔާ މުޙައްމަދުގެ އިތުރުން އާމިނަތު ރިޝްފާ އަދި ދަރާ މުޙައްމަދު ރަޝީދު ފެނިގެންދާ މިފިލްމުގައި ކުޑަކުދިންގެ ގޮތުގައި ނައުޝީން ޝަރީފްއާއި ނައުރީން ޝރީފްގެ އިތުރުން އަޒްލީފް ޚަލީލްފެނިގެން ދާނެއެވެ. އަދި މީގެ އިތުރުންވެސް ގިނަ ތަރިން ތަކެއް ފެނިގެން ދާނެކަމަށް ފިލްމު އުފައްދާ ފަރާތުން ހާމަ ކުރެއްވިއެވެ.
މިފިލްމުގެ އެގްޒެކެޓިވް ޕްރޮޑިޔުސަރުންގެ ގޮތުގައި ހުސައިން ނޫރައްދީން، އަލީ ޝާނީޒް އަދި ހުސައިން މުނައްވަރު(ކިޑު) ހަރަކާތް ތެރިވެފައިވާއިރު މިފިލްމުގެ ޑައިރެކްޓަރ އަކީ ކުރީގެ މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރ އީސާ ޝަރީފްއެވެ.
އަސްލަމް ރަޝީދުގެ ސްލޭމް ސްޓޫޑިއޯ އިން ފިލްމެއްގެ މަސައްކަތް ނުކުރާތާ ވިއްސަކަށް އަހަރުވެފައިވާ އިރު ޑައިރެކްޓަރ އީސާ ޝަރީފްގެ ފިލްމީ މަސައްކަތެއް އެންމެ ފަހުން ފެނިފައިވަނީ 2006 ވަނަ އަހަރުއެވެ. ހަމަ އެއާއި އެކު ރީކޯ މޫސާ މަނިކު ފިލްމީ މަސައްކަތަކުން ފެނިފައިވަނީ މީގެ 25 އަހަރު ކުރިންނެވެ.

