logo

ޝާހިދުގެ މައްސަލަ ވަރަށް ސީރިއަސް، އެއީ ސިޔާސީ ކަމެއް ނޫން: ރައީސް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުއާ މެދު ކުރެވޭ ތުހުމަތުތައް ވަރަށް ސީރިއަސް ކަމަށާއި އެއީ ސިޔާސީ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ޝާހިދުގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ވަނީ ޖަހައިފައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ސިޔާސީ ބޭނުމެއްގައި އެއްވެސް ސިޔާސީ ބޭފުޅަކު ހައްޔަރު ނުކުރާނެ ކަމަށާއި އެއީ މިހާތަނަށް ސަރުކާރުން ކުރި ކަމެއް ވެސް ނޫން ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ޝާހިދުގެ މައްސަލައަކީ ކުޑަކުއްޖަކާ ގުޅިފައިވާ ވަރަށް ސީރިއަސް ކަމެކެވެ. އެހެންވެ، ޝާހިދު ވިޔަސް، އެހެން މީހެއް މީހަކާ ދޭތެރޭގައި ވެސް ގާނޫނުގެ ތަފާތެއް ގެނެސްގެން ނުވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެހެންވީމަ މިކަމުގައި އޮފެންޑާއަކީ ކޮންމެ މީހަކަށް ވިޔަސް، އެމީހަކާ ދޭތެރޭގައި ގާނޫނުގެ ތަފާތެއް ގެނެސްގެން ނުވާނެ. ގާނޫނު ތަންފީޒު ކުރުމުގައި އެކަން ކުރި ކަމަށް ބެލެވޭ މީހާއާ ދޭތެރޭގައި ޑިއު ޕްރޮސެސް ފޮލޯ ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ސަރުކާރުން. ޑިއު ޕްރޮސެސް ފޮލޯ ކުރަން ޖެހޭނެ. ޑިއު ޕްރޮސެސް ފޮލޯ ކުރުމަށް ކުރަން ޖެހޭ ކަންކަމަށް މި ސަރުކާރުން ހުރަހެއް ނާޅާނެ." ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގާނޫނީ ވެރިކަމާއި ގާނޫނުއަސާސީ ނެގެހެއްޓުމާއި ދެމެހެއްޓުމާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަކީ ރާއްޖޭގައި ޔަގީންކަން ލިބިފައިވާ ކަންކަމަށް ވާން ޖެހޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ސިޔާސީ ބޭނުމެއްގައި މީހަކާ ދޭތެރޭގައި ފިޔަވަޅު އެޅުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

ކްރިމިނަލް ކޯޓުން އާންމު ގޮތެއްގައި 30 ދުވަސް ފަދަ ބަންދުގެ މުއްދަތެއް ދެނީ ތުހުމަތު ކުރެވޭ އެކަށީގެންވާ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ނަމަ އާއި މައްސަލައިގެ ބާވަތާއި އޭގެ ސީރިއަސް ކަމުގެ މައްޗަށް ބަލައިފައެވެ. ޝާހިދުގެ މައްޗަށް ކުރާ ތުހުމަތު ވެސް ސީރިއަސްއެވެ. އެއީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ. މިފަދަ ކުށެއް ސާބިތުވެއްޖެ ނަމަ، މަދުވެގެން 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު ބޮޑެވެ.

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ އަދި އދ. ގެ އާންމު މަޖިލިހުގެ ރައީސްކަން ވެސް ކުރައްވަވާ ޝާހިދު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރާއިރު، އޭނާ ގެންދަވަނީ 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.

ޝާހިދު ވަނީ ޚާރިޖީ ސިޔާސަތާއި ގާނޫނު ހަދާ މަޖިލީހުގެ ހިންގުމާއި އަދި ބައިނަލްއަގްވާމީ ލީޑާޝިޕްގެ ދާއިރާއިން 40 އަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްތަކެއް ކުރައްވައިފައެވެ. ޝާހިދު ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެއްޓެވީ، ޖުލައި، 1983 ގައެވެ. ޚާރިޖީ ޚިދުމަތް އޭނާ ފެއްޓެވީ އެންމެ އާދައިގެ މުވައްޒަފެއްގެ ގޮތުގައެވެ. ޝާހިދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވެސް ވަރަށް ގިނަ މަގާމުތަކެއް ފުރުއްވައިފައެވެ.

ad