logo

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ޓްރޭޑްމާކް ނިޒާމާއި ބްރޭންޑިންގއާ ގުޅޭ ސެޝަނެއް ނޮވެންބަރު 9ގައި ބޭއްވުމަށް ހަމަޖެހިއްޖެ

ދިވެހި ޗެނަލް
ދިވެހި ޗެނަލް
14 ގަޑިއިރު ކުރިން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އަދި ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަން (ވިޕޯ) ގުޅިގެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެމް.އެސް.އެމް.އީ ތަކަށް) ޚާއްޞަކޮށްގެން ރާއްޖޭގެ ޓްރޭޑްމާކް ނިޒާމާއި ބްރޭންޑިންގއާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ނޮވެމްބަރު 9ގައި ބޭއްވުމަށް ނިންމައިފި. މި ސެޝަންގެ މައިގަނޑު މަޤްޞަދަކީ ވަރުގަދަ ބްރޭންޑް އައިޑެންޓިޓީއެއް ބިނާކުރުމާއި، ޓްރޭޑްމާކް ރައްކާތެރިކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވިޔަފާރިވެރިންނާއި، އަލަށް ވިޔަފާރި ފަށާ ފަރާތްތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ފިކުރީ މުދާ (އިންޓެލެކްޗުއަލް ޕްރޮޕަޓީ) ރައްކާތެރިކުރުމުން ވިޔަފާރިއަށް ލިބޭ ފައިދާތައް އޮޅުންފިލުވައިދިނުމެވެ. މި ސެޝަންގެ ބައިވެރިންނަށް ރާއްޖޭގެ ޓްރޭޑްމާކް ރަޖިސްޓްރީކުރުމުގެ ނިޒާމާއި، ރަޖިސްޓްރީ ކުރުމަށް ފުރިހަމަވާންޖެހޭ ޝަރުޠުތަކާއި، އިޖުރާއާތުތަކުގެ އިތުރުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާ ބެހޭ މަޢުލޫމާތު ލިބިގެންދާނެއެވެ. މީގެއިތުރުން ވިޔަފާރީގެ ނަންތަކާއި، ބްރޭންޑްތަކާއި އަދި އެހެނިހެން ޚާއްޞަ ނިޝާންތައް ރައްކާތެރިކުރާނެ ގޮތުގެ ޢަމަލީ އިރުޝާދުތައް މި ޕްރޮގްރާމްގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ. މި ސެޝަންގައި ސުވާލާއި ޖަވާބުގެ ބައެއްވެސް ހިމެނޭނެއެވެ. މިއީ ވިޕޯގެ މަންދޫބުންނާއި ރާއްޖޭގެ ފިކުރީ މުދަލާ ބެހޭ މާހިރުންގެ ފަރާތުން ބައިވެރިން ބޭނުންވާ އިތުރު މަޢުލޫމާތާއި ފަންނީ ލަފާ ހޯދުމަށް ލިބިގެންދާނެ ފުރުޞަތެކެވެ. މި ސެޝަން ކުރިއަށްދާނީ ނޮވެންބަރު 9 ވާ ހޯމަ ދުވަހު ރާއްޖެ ގަޑިން މެންދުރުފަހު 2:00އިން ހަވީރު 4:00އަށެވެ. އޮންލައިންކޮށް ނުވަތަ ޙާޟިރުވެގެންވެސް މި ސެޝަންގައި ބައިވެރިވެވޭނެއެވެ. ސެޝަނަށް ޙާޟިރުވެ ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ސެޝަން އޮންނާނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ ޢުމަރު ޒާހިރު އޮފީސް ޢިމާރާތުގެ 3ވަނަ ފަންގިފިލާގެ "ހުނަރު މާލަން"ގައެވެ. މި ސެޝަންގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ: މިއީ ހަރުދަނާ ބްރޭންޑިންގއާއި ފިކުރީ މުދަލުގެ ޙައްޤުތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށްދީ، މުޅި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ވިޔަފާރިވެރިން އަދި އަލަށް ވިޔަފާރި ފަށާ ފަރާތްތަކުގެ ވިޔަފާރިތައް ކުރިއަރުވައި ވަރުގަދަކުރުމަށް އެހީތެރިވެދިނުމުގެ މަޤުސަދުގައި ބާއްވާ ސެޝަނެކެވެ.

ad