ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޖުތަމައަށް ފައިދާހުރި މަޝްރޫއުތައް ހިންގުމަށް ދޫކުރާ 'ބޭންކް ފަންޑު' އަށް އެދި ހުށަހެޅުމުގެ މުއްދަތު ކުރިއަށް އޮތް އާދީއްތަ ދުވަހަށް ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކްލަބް، ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން، ދެމެހެއްޓެނިވި މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ބީއެމްއެލް އިން ތައާރަފުކޮށްފައިވާ ގްރާންޓެކެވެ. 2024 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ހުޅުވާލުމަށް ހަމަޖެހިފައިވާ މި ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަހަރު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
ބީއެމްއެލް އިން މަޢުލޫމާތު ދޭ ގޮތުގައި، މި އަހަރުގެ ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. މި ފަންޑަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
މި ފަންޑުގެ ދަށުން ހޮވޭ އެންމެ ރަނގަޅު 5 ޕްރޮޕޯސަލްއަކަށް ކޮންމެ މަޝްރޫޢެއް ހިންގުމަށް 200,000 ރުފިޔާގެ ހިލޭ އެހީ ބޭންކުން ފޯރުކޮށްދޭނެއެވެ. މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ތަޢުލީމީ ދާއިރާ، ތިމާވެށި ހިމާޔަތްކުރުން، ކުޅިވަރުގެ ދާއިރާ އަދި މުޖުތަމަޢަށް ފައިދާހުރި އެހެނިހެން އިޖުތިމާއީ މަޝްރޫއުތައް ހިންގުމަށެވެ.

