logo

އުފެއްދުންތެރިކަމުގެ މައުރަޒަށް ހުށަހެޅި އެޕްލިކޭޝަން ދެގުނަ އިތުރު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
12 ގަޑިއިރު ކުރިން

ދިވެހި އުފެއްދުންތެރިންނާއި ހުނަރުވެރިންގެ އުފެއްދުންތައް އެއްތަނަކުން ދައްކާލައި، މާކެޓު ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ބާއްވާ އެންމެ ބޮޑު ހަރަކާތް ކަމަށްވާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ވާދަކުރުމުގެ ބައިގައި ތަކެތި ބައިވެރިކުރުމަށް ހުށަހެޅުމުގެ މުއްދަތުގަ މިހާތަނަށް 700 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުގެ އެކްސްޕޯގައި މިހާތަނަށް 700 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ އިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނަ ގިނަ އަދެއް ކަމަށެވެ.

މިދިޔަ އަހަރު މި މައުރަޒަށް 270 އެއްހާ މީހުން ކުރިމަތިލިއިރު، މިއަހަރު ހުށަހެޅި އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނައާ ގާތްކުރާ އަދަދެކެވެ. މައުރަޒުގައި އެންމެ ގިނަ މީހުން ބައިވެރިކުރަނީ އަތްތެރި މަސައްކަތްތަކާ ގުޅޭ ކެޓަގަރީތަކުންނެވެ. މިއަހަރު ގެނައި އެންމެ ބޮޑު އެއް ބަދަލަކީ، ކުރިއަރަމުން އަންނަ ޒުވާނުންނަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން 13 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް އުމުރުފުރާ ހަމަޖެއްސުމެވެ.

ބީސީސީގެ އެސިސްޓެންޓް ޑިރެކްޓަރ ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް އެންޑް ރީޖަނަލް ސަރވިސަސް އަރީސާ މޫސާ ވިދާޅުވީ، މިވަގުތު ހުޅުވާލާފައިވަނީ ވާދަކުރުމުގެ ބަޔަށް ރަޖިސްޓްރީވުމަށް ކަމަށެވެ. އަދި ހުށަހަޅާ ތަކެތީގެ ތަފްސީލުތައް ހުށަހެޅުމާއި، އެވޯޑަށް ހުށަހަޅާ ތަކެތި ރަޖިސްޓްރީ ކުރުމަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުއްދަތު ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "އެވޯޑުގައި އެންމެ ބޮޑު ބެލުމެއް ބަލާނީ، ދިވެހި އުފެއްދުމެއްތޯ. އަމިއްލަ މިލްކުވެރިކަން އޮތް މިންވަރު،" އަރީސާ ވިދާޅުވިއެވެ. އަދި ކޮންމެ މީހަކަށްވެސް ބޭނުންވަރަކަށް އުފެއްދުން ހުށަހެޅުނު ނަމަވެސް އެވޯޑަށް ލެވޭނީ އެއް ދާއިރާ ނުވަތަ ގިންތިއަކުން ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މިއަހަރުގެ އޮކްޓޯބަރު މަހުގެ 23 އިން 31 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒުގައި އުފެއްދުންތައް ދައްކާލުމުގެ އިތުރުން، ވިޔަފާރިތައް މާކެޓު ކުރުމާއި ތަކެތި ވިއްކުމަށް އެކި ޑިސްޓްރިކްޓުތައް ހިމެނެއެވެ. އެ ބައިތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެއެވެ. މި މައުރަޒުގައި ވާދަކުރުމުގެ ބައިން ބައިވެރިވާން ބޭނުންވާ ފަރާތްތަކުން expo.mv ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

ad