މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އައްޔަނުކުރައްވައިފިއެވެ. މި ބޭފުޅުން މަޤާމުތަކަށް އައްޔަނުކުރައްވާފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ
އެ ކުންފުނީގެ ޗެއަރޕާސަންގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ އައްޝައިޚް ޢިއްޒުއްދީން ޢަދުނާނެވެ. އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ހަމަޖައްސަވާފައިވަނީ ޔާމީން އިދްރީސް އެވެ.
މީގެއިތުރުން، މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު ފަސް މެމްބަރަކު ވަނީ އައްޔަނުކުރައްވާފައެވެ. އެ ބޭފުޅުންނަކީ:
ޑރ. މުޙައްމަދު ޝުޖާޢު
ހުސައިން ޝާމް އާދަމް
މަރްޔަމް ނިހާޔަތު
ޢަބްދުﷲ ޢަލީ
މުޙައްމަދު ޙިލްމީ
މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށް ޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތް ބިނާ ކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށްޓަކައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ އިސްލާމީ އިޤްތިޞާދީ ނިޒާމު ހަރުދަނާކޮށް، ވަޤުފްގެ ނަފާ ރައްޔިތުންނަށް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.


