ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ޒަމާނީ ފެންވަރުގެ ހޯލެއް ބިނާކުރުމަށްޓަކައި، އެ ސްކޫލާ އިންވެގެން ހުރި މާލޭ ޖަލު ތަޅާލުމުގެ މަސައްކަތް މިއަހަރު ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިޔުއެއްގައި ވަޒީރު ޝަފީއު ވިދާޅުވީ، ޖަލު ތަޅާލުމަށް ބަޔަކާ ހަވާލުކުރުމުގެ އިތުރުން އެތަން ހުސްކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ޖަލު ހުރި ބިމުގައި މާލޭގައި ހުންނާނެ އެންމެ ފުރިހަމަ އަދި ޒަމާނީ އެއް ހޯލު ތަރައްގީ ކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ނިމިދިޔަ ސަރުކާރުން ދަރުމަވަންތަ ސްކޫލުގެ އައު ޢިމާރާތް ބިނާކުރުމަށް ތިން އަހަރު ދުވަސް ހޭދަކުރިއިރު، އެ ސްކޫލުގައި ހޯލެއް އަޅާފައެއް ނުވެއެވެ. އޭރު ޕްލޭންކޮށްފައި އޮތީ ސްކޫލާ ޖެހިގެން ހުރި މާލޭ ޖަލު ހުސްކުރުމަށްފަހު އެ ބިމުގައި ހޯލު އެޅުމަށެވެ.
މިކަމާ ގުޅޭގޮތުން ވަޒީރު ޑރ. އިސްމާއީލް ޝަފީއު ކުރިން ވިދާޅުވެފައިވަނީ، ދަރުމަވަންތަ ސްކޫލު އެޅި ބިމަކީ ބޮޑު ބިމެއް ކަމަށާއި، އޭރު ރަނގަޅަށް ޕްލޭންކުރި ނަމަ އެ ބިމުގައި ކިޔަވައިދޭ އިމާރާތުގެ އިތުރުން ކުދިން ކުޅޭނެ ސަރަހައްދަކާއި ހޯލެއް ވެސް އެޅުނީސް ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެ ސްކޫލުގެ ދަރިވަރުންނަށް ދަތިވެފައިވާ ހޯލުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދަރުމަވަންތަ ސްކޫލަކީ މަޖީދިއްޔާ ސްކޫލުގައި ދަރިވަރުން އިތުރުވެ، އެއް މެނޭޖްމަންޓެއްގެ ދަށުން ސްކޫލު ހިންގުމަށް ދިމާވި ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން މަޖީދިއްޔާގެ ބިމުން ބައެއްގައި އޭރު އުފެއްދި ސްކޫލެކެވެ. ނަމަވެސް، އެ އިމާރާތް ބާވެ ބޭނުންނުކުރެވޭ ހާލަތަށް ދިއުމުން، 2016 ވަނަ އަހަރު އެތަން ބަންދުކޮށް، ވެލާނާގެއާ އިންވެގެން އޮތް ބިމެއްގައި ވަގުތީ އިމާރާތެއް ހަދައިގެން ކިޔަވައިދޭން ފެށިއެވެ.
އެއަށްފަހު، 41 ކްލާސްރޫމާ އެކު ތަރައްޤީކުރި ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގައި ރަސްމީކޮށް ކިޔަވައިދޭން ފަށާފައިވަނީ 6 އޮގަސްޓް 2023 ގައި ފެށުނު ދިރާސީ އައު އަހަރާ އެކުގައެވެ.

