ކުށްކޮށްގެން ހޯދާ މުދާ، ދައުލަތަށް ނެގުމާ ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. މި ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ ޖިނާޢީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވައި، ނުޙައްގުން ހޯދާ މުދާ ނެގުމާއި އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމެވެ.
މި ބިލުގެ ދަށުން ގާއިމުކުރާ ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ނިޒާމު ބައްޓަންކޮށްފައިވަނީ ކުށް ސާބިތުވުމުން ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ކަނޑައެޅުމާއި، އިސްތިސްނާ ހާލަތްތަކެއްގައި ކުށް ސާބިތުވުމަކާ ނުލައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ތައާރުފުކުރުމާއި، ކުށްކޮށްގެން ހޯދާ މުދަލުން މުއާމަލާތުކުރުން ނުވަތަ ތަޞައްރުފުކުރުން ހުއްޓުވުމަށްޓަކައި އެ މުދާ ހިފެހެއްޓުމުގެ އުސޫލުތައް ކަނޑައެޅުމުގެ މަގުސަދު ހާސިލުވާގޮތަށެވެ. އަދި ހިފެހެއްޓޭ އަދި ދައުލަތަށް ނެގޭ ކުށްކޮށްގެން ހޯދާ މުދާ ބެލެހެއްޓުމާއި އެ މުދަލުން ތަޞައްރުފުކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ބޭރު ގައުމުތައް މެދުވެރިކޮށް ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތައް ކަނޑައެޅުމުގެ އިތުރަށް ދިވެހިރާއްޖޭގައިވާ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ކުށްކޮށްގެން ހޯދާފައިވާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގައި އެ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމަކީ ވެސް ބިލުން ހާސިލުކުރަން ބޭނުންވާ މަގުސަދެކެވެ.
މީގެ އިތުރުން ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށުގެ ތެރެއިން 500،000 ރުފިޔާއިން މަތީ ފައިސާގެ އަދަދު ހިމެނޭ ކުށްތަކާއި ފޭރުމާއި ވައްކަމާއި ޚިޔާނާތާއި މުދާ ސްމަގަލް ކުރުންފަދަ ކުށްތަކުގެ ތެރެއިން 100،000 ރުފިޔާއިން މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށްތަކާއި ޖިނާޢީ ބޮޑު ކުށެއް ކަމުގައި ޤާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން ކުށްކޮށްގެން މުދާ ހޯދޭނެ ކޮންމެ ކުށެއްގައިވެސް ދައުލަތަށް މުދާ ނެގޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މިފަދަ ކުށްތައް ރާއްޖޭން ބޭރުގައި އަދި ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ކުރި ނަމަވެސް އައު ޤާނޫނުގެ ތެރެއިން ފިޔަވަޅު އެޅޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ކުށުގެ ތުހުމަތުވާ ފަރާތުގެ މައްޗަށް ކުށް ސާބިތުވިޔަސް ނުވަތަ ނުވިޔަސް މުދާ ނެގޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. ދައުލަތަށް މުދާ ނެގުމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އިރުޝާދުތަކަށް ރިއާޔަތްކުރަންވާނެ ކަމަށްވެސް ބިލުގައިވަނީ ބަޔާންކޮށްފައެވެ.
މި ބިލު ފާސްވެ ގާނޫނަށް އަމަލުކުރާތާ މަސް ދުވަހުގެ ތެރޭގައި "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" ގެނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މި އިދާރާގެ ޒިންމާއަކީ ދައުލަތަށް ނޭގޭ މުދާ ރައްކާތެރިކަމާއެކު ބަލަހައްޓައި، އަގުމަގުކުރުމާއި ދަފްތަރު ކުރުމާއި އަދި ކުށުގެ ޝިކާއަރައަށްވާ މީހުންނަށް ބަދަލު ދިނުމަށް ހުށަހެޅުމުން އެ ބަދަލު ދިނުމުގެ ކަންކަން ކުރުމެވެ. މި އިދާރާއަކީ މާލީ ވުޒާރާގެ ދަށުން މަޖިލީހަށް ޖަވާބުދާރީވާގޮތަށް އުފައްދާ މިނިވަން އިދާރާއެކެވެ.
މި އިދާރާއިން ދައުލަތަށް ނޭގޭ މުދާ ރައްކާތެރިކަމާއެކު ބަލަހައްޓައި، އަގުމަގުކުރުމާއި ދަފްތަރު ކުރުމުގެ ކަންކަން ކުރަންޖެހެއެވެ. އަދި ކުށުގެ ޝިކާއަރައަށްވާމީ މީހަކަސް ބަދަލު ދިނުމަށް ހުށަހެޅުމުން އެ ބަދަލު ދިނުމުގެ ކަންކަން ކުރާނީވެސް އެ އިދާރާއިންނެވެ.
މި ގާނޫނަށް އަމަލުކުރާތާ 60 ދުވަހުގެ ތެރޭގައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްފަހު ކުށްކުރުން ހުއްޓުވުމަށާއި ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމާ ގުޅޭ ހަރަދުތައް ބެލެހެއްޓުމަށް "ރިކަވާޑް އެސެޓް ފަންޑެއް" ގާއިމުކުރާނެއެވެ.
މި ބިލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ބިލުގެ ސަބަބުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން ހުއްޓުވޭނެ ކަމަށެވެ. އަދި އެކިފަރާތްތަކުން ޖިނާއީ ބޮޑެތި ކުށްކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ ދައުލަތަށް ނެގުމުގައި މިހާރު ދިމާވެފައިވާ ގާނޫނީ މައްސަލައަށްވެސް މިބިލުން ހައްލެއް ލިބިގެންދާނެކަމަށެވެ.

