އުދައަރާފާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން ހަވީރު 15:00 އަށެވެ. އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅު ތަކަށް އަންނަނީ ވިއްސާރަވުމާއެކު އުދަވެސް އަރަމުންނެވެ.
އެގޮތުން އިއްޔެ މާލެއަށް އުދަ އެރުމާ ގުޅިގެން ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ.
މިއަދު އިރުއޮއްސި 6:00 އާ ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައިވާ ގޮތުން، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައި ޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މެޓުން ލަފާކޮށްފައިވާ ގޮތުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. މިގަޑިތަކުގައި ރާޅުތަކުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓު ދެމެދުގައިކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް ވަނީ މެޓުން ލަފާކޮށްފައެވެ.
އުދަ އަރާ ގަޑިތަކުގައި މުދަލަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

